ENGLISH

03 އޭޕްރީލު 2026

Advertisement

ވައިކަރަދޫ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ކުޅުދުއްފުޓަށް ޚާއްސަ ފެރީއެއް

03 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ވައިކަރަދޫއާ ކުޅުދުއްފުޓާ ދެމެދު ޚާއްސަ ފެރީއެއް-- ފޮޓޯ: ކޮރަލް ގްލާސް މާކެޓް

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއްގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ، ހަފުތާގެ ހޮނިހިރު ދުވަހު ވައިކަރަދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، އޭޕްރީލް 3 ވަނަ ދުވަހު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާރު ރަސްމީކޮށް އެފަރާތާއި މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ.

މި ޚާއްޞަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި އެ ރަށުގެ އިގްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވަޢުދުވެ ވަޑައިގެންނެވީ މި ޚާއްސަ ފެރީގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށެވެ. މި ވަޢުދުފުޅު ފުއްދުމަށްޓަކައި، އެގްރިކަލްޗަރ މިނިސްޓްރީން މިހާރު އަންނަނީ މިމަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުގެ މަސައްކަތް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރު ފުރުސަތުތައް ހޯދާދިނުމަށް، މިނިސްޓްރީން އަންނަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު