ENGLISH
03 އޭޕްރީލު 2026
މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނެކަން ދަނެ، ތިބާ އެ ކަމަށް ތައްޔާރުވޭ: ހުކުރު ޚުޠުބާ
03 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނެކަން ދަނެ، ތިބާ އެ ކަމަށް ތައްޔާރުވެ ހުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
"މަރު" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރުމަށެވެ.
ޚުޠުބާގައި ބުނީ، މަރަކީ ދިރިއުޅުމުގެ ޙަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ޙަޤީޤަތް ކަމަށާއި، މި ޙަޔާތުގައި އަހަރެމެން ބޭނުންވީމައި ލޯމަރާލައިފައި ބޭނުންވީމައި ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއްނޫން ކަމަށް ޚުޠުބާގައި ބުންޏެވެ.
"އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާ އެކު ބަލަމުންދާ ވަގުތެވެ. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތެވެ. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތެވެ. ތިމާގެމީހުން ތިބާއަށް ޓަކައި، އަވަސް ޝިފާއަކަށް އެދި ދުޢާކުރާ ވަގުތެވެ. އެކުވެރީން ތިބާގެ ގައިގައި ފިރުމަމުންދާ ވަގުތެވެ. ޞިއްޙީ އެންމެހައި ވަސީލަތްތައް މެދުވެރިކޮށް ތިބާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި މަސައްކަތްކުރެވެމުންދާ ވަގުތެވެ. ނަމަވެސް ތިބާގެ ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތެވެ." ޚުޠުބާގައި ބުންޏެވެ.
މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަތިލާންޖެހޭނޭ ޙަޤީޤަތެއް ކަމަށާއި، މި ޙަޤީޤަތާ މެދު އެއްވެސް މީހަކު ޚިޔާލުތަފާތުވެފައެއްނުވާ ކަމަށެވެ. އެހެންކަމުން، މަރަށް اللهُ سُبْحَانَهُ وَتَعَالَى ނަންދެއްވާފައިވަނީ ޔަޤީނުގެ ނަމުން ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
މަރަކީ، ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން އަހަރެމެން ހޭލައްވައިލާ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
"މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވެއެވެ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބެއެވެ. މީހަކަށް އެ މީހުންނާ ބައްދަލުކުރެވެނީ ހުއްދަހޯދައިގެންނެވެ. އެކަމަކު مَلَكُ الْمَوْت عَلَيْهِ السَّلَام އެ ގަނޑުވަރަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައެއް ނެތިއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، މަރު އަޅަމެންނާ ބައްދަލުކުރުމުގެ ކުރީން އެ މަރަށް ތައްޔާރުވެފައިވާ ބަޔަކުކަމުގައި ވުމަށާއި، އަދި އަޅަމެންގެ މަރުމަތި އަމާންކުރައްވައި ހެޔޮ ނިމުމެއް އަޅަމެންނަށް މިންވަރުކުރެއްވުމަށް ދުޢާކުރައްވާފައެވެ.