ENGLISH

03 އޭޕްރީލު 2026

Advertisement

ހޮނިހިރު ދުވަހުގެ އިންތިޚާބަށް އަށް ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކޮށްފި

02 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އިންތިޙާބުގައި އިލެކްޝަން ކޮމިޝަންސްގެ އޮފިޝަލުން ހަރަކާތްތެރިވަނީ-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިޚާބަށް، އަށް ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކޮށް ނިންމާލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން އިން ގެޒެޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްރީލް 04، 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށް ނިންމައިފައިވާ ކަމަށެވެ. އަދި މި ކަރުދާސްތައް ޗާޕްކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ޗާޕްކޮށްފައިވެ އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާހުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާހެވެ.

މުޅިއެކު މި އިންތިޚާބުތަކަށް ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުގައި ބުނެފައިވެ އެވެ.

ޗާޕުކޮށްފައިވާ ވޯޓު ކަރުދާސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނައިން ކަރުދާސް ޗާޕުކޮށްފައިވަނީ މާލެ ސިޓީއަށެވެ. އެގޮތުން މާލެ ސިޓީއަށް 58,953 ކަރުދާސް ޗާޕުކޮށްފައިވާއިރު، ދެން އެންމެ ގިނައިން ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ އައްޑޫ ސިޓީއަށެވެ. އެއީ 21، 538 ކަރުދާހެވެ.

މީގެ އިތުރުން، ފުވައްމުލައް ސިޓީއަށް 9,947 ކަރުދާސް، ކުޅުދުއްފުށި ސިޓީއަށް 7,461 ކަރުދާސް އަދި ތިނަދޫ ސިޓީއަށް 5,967 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އިލެކްޝަނުން ބުނެފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ކައުންސިލަރުން އިންތިޚާބު ކުރަނީ، އެރަށެއްގެ އާބާދީގެ ނިސްބަތަށެވެ. އެގޮތުން އާބާދީ 2000 އަށްވުރެ ދަށް ނަމަ އެރަށަކުން އިންތިޚާބު ކުރާނީ 3 ކައުންސިލަރުންނެވެ. އެއީ ކައުންސިލް ރައީސުގެ އިތުރުން އަންހެނުންގެ ޚާއްސަ ގޮނޑިއަށް އިންތިޚާބުވާ މެމްބަރާއެކު އިތުރު އެއް މެމްބަރެވެ. އަދި އާބާދީ ދެ ހާހަށްވުރެ މަތި ނަމަ ރައީސާއެކު އިތުރު ހަތަރު މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހަމައެހެންމެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު