ENGLISH
03 އޭޕްރީލު 2026
ރައީސް، މާލޭ ސަރަހައްދުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި
02 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ، މާލެ ސަރަހައްދުގެ ޓެކްސީ ލައިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުން.
އެންމެ މަޤްބޫލު
މާލޭ ސަރަހައްދުގެ ޓެކްސީ ލައިންގެ ހިދުމަތް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީ އާ ހަވާލުކުރެވިގެން ދެވޭ މި ހިދުމަތް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޮރުކޮށްދިނުމެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް 150 ކާރު ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ އިރު މި ކާރުތަކަކީ މާލޭގެ ހަނިގޯޅިތަކުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަދަ ކާރުތަކެކެވެ. ތިން މީހުންނަށް އެރޭ މި ކާރަށް ކުދި ލަގެޖުވެސް އެރުވޭނެއެވެ. އަދި މިއީ ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ވެހިކަލް ތަކެކެވެ.
މި ހިދުމަތް ފޯރުކޮށްދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އަގުތަކާ އެކުގައެވެ. މިއީ ރައީސްގެ ތަސައްވަރާއި އެއްގޮތަށް ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވާހަކަދައްކަވަމުން ވިދާޅުވީ، މިރެއިން ފެށިގެން މެދުނުކެނޑި 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށެވެ.
އެމްޓީސީސީއާ ހަވާލުކުރެވިގެން ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފައްޓަވާފައިވާއިރު، އެމްޓީސީސީ އަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.