ENGLISH

02 އޭޕްރީލު 2026

Advertisement

މާލީ ނުރައްކަލުން ސަލާމަތްކުރައްވައި، ގައުމަށް މާލީ އިތުބާރު ރައީސް ހޯއްދަވައިދެއްވައިފި: ސައީދު

02 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މާލީ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވައި ރާއްޖެއަށް މާލީ އިތުބާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހޯއްދަވައިދެއްވައިފި ކަމުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

2021 ވަނަ އަހަރު ސުކޫކެއް ވިއްކައިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏާއެކު އެއާއެކު ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24 މިލިއަން ޑޮލަރު ސަރުކާރުން ދައްކަައި ހަލާސްކުރުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ސައީދު ވިދާޅުވީ، ދިވެހި ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު މާލީ ނުރައްކަލުން ގައުމު ސަލާމަތްކޮށްދެއްވައި، ގައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލާނެ ފުރުސަތު ރައީސް ހޯއްދަވާދެއްވިކަމަށެވެ. 

އޭގެ އިތުރަށް ރައީސް އެޅުއްވި މިފިޔަވަޅާއެކު ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއާމެދު އޮތް އިތުބާރު އަނބުރާ އިއާދަކޮށްދެއްވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އިހުނަށްވުރެ އިތުބާރު އިތުރުވެގެންވެސް ހިނގައްޖެކަން ޔަގީންވެއްޖެ ކަމުގައި ސައީދު ވިދާޅުވިއެވެ. 

ސައީދު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދިވެހި ގައުމު ރެކޯޑު މިންވަރަކަށް ދަރުވާލިއިރު، އަދި ވަކީން ހާއްސަކޮށް 2021 ގައި ނެގި ރެކޯޑު ދަރަނީގެ ސުކޫކަކީ 2026 އަށް ބްލެޓް ޕޭމެންޓެއް ގޮތަށް ދައްކަންޖެހޭ ދަރަންޏަކަށްވާތީ އެއީ ރާއްޖޭގެ ތާރީހުގައި ބައްދަލުކުރި މާލީ އެންމެ ބޮޑު އިމްތިހާނު ކަމަށެވެ. 

ކެތްްތެރިކަން އިސްކުރައްވައި، ބަސްމަދުކުރައްވައި، ކުރިމަތިލައްވަންޖެހިވަޑައިގަތް ހުރިހާ ގޮންޖެހުންތަކެއް މާތްﷲގެ ރަހުމަތްފުޅާއެކު ގިރާކުރައްވައި، ސުކޫކު ދެއްކިދާނެކަމާމެދު އޮތް ހާސްކަމުން ރައީސް ޑރ.މުޢިއްޒު ގައުމު ސަލާމަތްކުރައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އަދި މިދަރަނި އުފަންކުރި ކުރީ ސަރުކާރުގެ މީހުން ބުނަމުންއައީ މިދަރަނި ނުދެއްކޭނެ ކަމަަށާއި، އެގޮތަށް ނުކުރެވޭނެ ކަމުގައި ބުނަމުންއައި އެތައް ކަމެއް ހިކުމަތްތެރިކަމާއެކު ރައީސް ނިންމަވައި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. 

" މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބެއް. ޤައުމަށް ބޭނުންވަނީ ސިޔާސީ ކޯޅުން މަދު، ހަމަޖެހޭ، ހިންގުންތެރި ނިޒާމެއް.،" ސައީދު ލިޔުއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު