ENGLISH
02 އޭޕްރީލު 2026
ފުލުސް މީހާ މަރާލިކަމަށް ސާބިތުވެ، ސަމާހު މަރަން ކޯޓުން ހުކުމްކޮށްފި
02 އޭޕްރީލު 2026
|
ފުލުސް މީހާ މަރާލިކަން ސާބިތުވި ސަމާހު
އެންމެ މަޤްބޫލު
މާލެ އަތޮޅު ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ކުރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ބެލުމަށް ފަހުވެސް އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަރަން މިއަދު އެ ކޯޓުން ހުކުމްކޮށްފި އެވެ.
2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެގޮތުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ، ސާޖަންޓު އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެވެ. އޭނާގެ ވާރިސުންގެ ގޮތުގައި ތިބީ ބައްޕައާއި، މަންމަ އާއި އަނބިމީހާ އަދި އޭނާގެ ދަރިއެކެވެ.
އެމީހުންގެ ތެރެއިން ސާޖަންޓު އާދަމް ހަލީމްގެ ބައްޕަ އާއި މަންމަ އާއި އަނިބިމީހާ ވަނީ މިއަދުގެ ޝަރީއަތުގައި ހެކިބަސްދެމުން، އޭނާގެ މަރުގެ ބަދަލުގައި ޤިޞާޞް ހިފަން ބޭނުންވާ ކަމަށް ބުނެފައެެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ވަނީ، ސާޖަންޓު އާދަމް ހަލީމްގެ ގާތިލު، ސަމާހު މެރުމަށް ހުކުމްކޮށްފަ އެވެ.
މި މައްސަލާގައި ސަމާޙުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 29 ޖުލައި 2012 ގައެވެ. އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، ސަމާޙު މެރުމަށް އެކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި އެ ހުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެކޯޓުން ނިންމާފައިވެއެވެ. އެ ނިންމުން ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހްވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވެއެވެ.
އާދަމް ހަލީމަށް ހަމަލާދީ މަރާލިކަމަށް ކްރިމިނަލް ކޯޓުގައި ސަމާހު ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އެކަމަށް ކުރިން އިއުތިރާފްވީ މަޖުބޫރުން ކަމަށް އޭނާ ފަހުން ބުނި އެވެ.