ENGLISH
04 އޭޕްރީލު 2026
މާލީ ދައްޗާއި ތުރާލުން އަރައިގަނެ ރެކޯޑު ޕޭމެންޓު ހެދުން؛ ހިކުމްތެރި މާލީ ސިޔާސަތުގެ ނަތީޖާ
03 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޒަމީރު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްްއިރު ރާއްޖެ އޮތީ މާލީ ގޮތުން ކޮން ހާލަތެއްގައިކަން ތަސައްވުރުކޮށްލަން އަދަދުތަކަށް ރުޖޫއަވެލަންޖެހެއެވެ. އެ އަދަދުތަކާ ގުޅިފައި އޮތީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުން އެއިރު ދެމުންދިޔަ އިންޒާރު ގުޅުވައިލުމުން މާލީ ގޮތުން ގައުމު އޮތް ބިރުވެރި ހާލަތު ވަޒަންކުރެވޭނެއެވެ.
2023 ވަނަ އަހަރުގެ ފަހު ކުއާޓާގެ ނިޔަލަށް ރާއްޖޭގެ ދަރަންޏަކީ 124.8 ބިލިއަން ރުފިޔާއެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، 116.5 އިންސައްތައެވެ. މި މާލީ ބިރުވެރިކަމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭރުގެ ދަރަނި އިންތިހާއަށް އިތުރުވުމެވެ. އެގޮތުން އެ އަހަރުގެ ނިޔަލަށް ދައުލަތުގެ ބޭރުގެ ދަރަނި ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަަކަށް އޮތީ އިތުރުވެފައެވެ.
ދަރަނި އިތުރުވަމުންދިޔައިރު ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޖެހިޖެހިގެން ދެތިން އަހަރު ރާއްޖޭގެ ބަޖެޓު ތަންފީޒުކުރީ ބޮޑެތި ޑެފިސިޓާއެކުއެވެ. ނަތީޖާއަކަށްވީ ކޮންމެ އަހަރަކުވެސް ބަޖެޓު ޑެފިސިޓު ފޫބެއްދުމަށް އެތައް ބިލިއަން ރުފިޔާއެއް ދަރަންޏަށް ހޯދަންޖެހުމެވެ. ދަރަނީގެ މައްޗަށް ދަރަނި އުފަންކުރުމެވެ.
އެއާއެކު މާޒީގައި ދަރަނި އަދާކުރުމުގައި އަމަލުކުރި ގޮތަށްވެސް ބަލައިލަންޖެހެއެވެ. މިސާލަކަށް ބަލައިލަން އެންމެ ރަނގަޅު އެއް ދަރަންޏަކީ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެވެ. 9.8 އިންސައްތައިގެ ކޫޕަން ރޭޓުގައި 500 މިލިއަން ޑޮލަރު ސުކޫކު ވިއްކައިގެން ދަރަންޏަށް ނެގީ 2017 ވަނަ އަހަރު ނަގާފައި އޮތް 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑެއްގެ ދަރަނި އަދާކުރުމަށެވެ.
ބޭރުގެ ދަރަނި އިންތިހާއަށް އިތުރުވިއިރު އެ ފައިސާ އަދާކުރުމަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައި ނެތެވެ. 2026 ވަނަ އަހަރު ބިލިއަނެއްހައި ޑޮލަރުގެ ދަރަނި އަދާކުރަން އޮތްއިރު، އެކަމަށް ދައުލަތުގެ ރިޒާވްގަައި ފައިސާ ރައްކާކޮށްފައި ނެތެވެ. އަދި ދަރަނި އަދާކުރުމަށް ފައިސާ ރައްކާކުރުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ޑޮލަރުން ރައްކާކޮށްފައި ހުރި ގިނަ ފައިސާ މާރުކުރުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ފަންޑުގައި ޑޮލަރުން ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ.
ކުރުކޮށް މިދެންނެވުނީ އެއިރު ދިވެހިރާއްޖޭގެ ދަރަނި އޮތް މިންވަރާއި އެ ދަރަނި އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތް ނިކަމެތި ގޮތެވެ. މި ހުރިހާ އުދަގުލަކާއި ބުރައެއް އުފުއްލަވަންޖެހިވަޑައިގަތީ ރައީސް ޑރ.މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން އެ ހާލަތު ބަދަލުކުރެއްވިއެވެ. އެއީ މާލީ ގޮތުން ބޮޑެތި ހިފަހެއްޓުންތައް ތައާރަފުކުރައްވައި ބަޖެޓުގެ ހަރަދުތައް ކުޑަކުރެއްވުމާއެކު، ބޭރު ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރައްވައިގެންނެވެ.
އެގޮތުން 2024 ވަނަ އަހަރު ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި، އެއާޕޯޓު ޓެކުސްތަކާއި ޑިޕާޗާ ފީގެ ރޭޓުތައް ބޮޑުކުރިއެވެ. އެ ހުރިހާ ފިޔަވަޅެއް އެޅުއްވީ ދިވެހިންނަށް އެކަމުން ދަތިތަކެއް ތުރާތަކެއް ކުރިމަތިނުވާނެ ގޮތަށް ބައްލަވައިގެންނެވެ. ނަތީޖާއަކީ ބޭރު ފައިސާއިން ލިބުނު އާމްދަނީ 2025 ވަނަ އަހަރު ރެކޯޑު އަދަދަކަށް އިތުރުވުމެވެ.
އެއާއެކު މާލީ ނިޒާމުގެ ތެރެެއިން ރިޒާވްއަށް ފައިސާ ވަންނާނެ ގޮތްތައް ފަހިކުރެއްވުމުގެ ގޮތުން ބޭރު ފައިސާގެ ގާނޫނު ތައާރަފުކުރައްވައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރެއްވިއެވެ. އެ ފައިސާއިން މިންވަރެެއް ދައުލަތުގެ ރަސްމީ ރިޒާވްގައި ރައްކާކުރެއްވުމާއެކު، ބޭންކުތަކުން ބޭރު ފައިސާއިން ރައްޔިތުންނަށް މާލީ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ޑޮލަރުވެސް އެ ފައިސާގެ ތެރެއިން ހަމަޖެއްސެވިއެވެ.
ނަތީޖާއަކީ ރަސްމީ ރިޒާވްގައި ހުރި ފައިސާ 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ރެކޯޑު އަދަދަކަށް އިތުރުވުމެވެ. އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ނަގާ ފައިސާ އިތުރުވެ އެ ފައިސާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކުރެވޭ މިންވަރު އިތުރުކުރެވި، ވެރިކަން ފެށުނުއިރު އެންމެ ދެ މިލިއަން ޑޮލަރު ހުރި ފަންޑުގައި 300 އެތައް މިލިއަން ޑޮލަރެއް ރައްކާކުރެވުމެވެ.
ދިވެހިރާއްޖެގެ ތާރީހުގައި ދަރަނި އަދާކުރުމަށް ނުވަތަ އެނޫންވެސް ކަމެއްގައި އެއްފަހަރާ ސަރުކާރުން ދެއްކި އެންމެ ގިނަ ފައިސާ ދައްކައި ހަލާސްކުރެވުނީ މިދެންނެވުނު ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން 524.68 މިލިއަން ޑޮލަރު ނުވަތަަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ ދައްކައި ހަލާސްކުރީއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި އެއްފަހަރާ ސަރުކާރުން އަދާކުރި އެންމެ ގިނަ ފައިސާއެވެ.
މިކަމުން ފެނިގެންދިޔައީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ހަރުދަނާކަމެވެ. މާލީ ރަނގަޅު ސިޔާސަތުތަކާއި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ދައުލަތަށް މާލީ ގޮތުން ނޭވާލާނެ ޖާގައެއް ތަނަވަސްވީއެވެ. މި ޖާގަ ބޭނުންކޮށްގެން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ހަލުއިކުރެވި، ގައުމީ ތަރައްގީގެ އަމާަޒުތައް ހާސިލުކުރެވޭނެއެވެ.