ENGLISH
02 އޭޕްރީލު 2026
ތިން ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
02 އޭޕްރީލު 2026
|
މަޝްރޫތައް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން
އެންމެ މަޤްބޫލު
މ.މަޑުއްވަރީ، ހއ.ފިއްލަދޫ އަދި ބ.ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއާއި ކ.ގާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މަޑުއްވަރީ، ފިއްލަދޫ އަދި ގޮއިދޫގެ ބަނދަރުގެ ހެދުމުގެ މަޝްރޫގެ ދަށުން ބަނދަރުގެ ބޭސިންގ އަދި ނެރު ފުންކުރުމާއި، ބިން ހިއްކުމާއި، އެއްގަމު ތޮށިލުމާއި، ނެރު ބޭރުތޮއްޓެއްލުމާއި، ރިވެޓްމެންޓު ޖެހުމާއި، ގްރޮއިން ޖެހުމުގެ އިތުރުން ބަނދަރުބައްތި ޖެހުން ހިމެނެ އެވެ.
މި މަސައްކަތްތައް ގާތްގަނޑަކަށް އަހަރެއްހާ ދުވަސްތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
ގާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫގެ ދަށުން ބިން ހިއްކުމާއި،ރިވެޓްމެންޓު ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
މި މަސައްކަތް 420 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދަމުންނެވެ.