ENGLISH

02 އޭޕްރީލު 2026

Advertisement

ސްކޭޓު ރިންގްއާއި، ސްކޭޓް ބޯޑިން ޕާކާއެކު އެރީނާގެ މަސައްކަތް ނިންމަައިފި

02 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މާލޭ ސަރަހައްދުގައި ތަރައްގީކުރި ސްކޭޓިން ޕާކުގެ މަސައްކަތް ނިންމައި މިއަދު ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެތަން ހުޅުވައިދެއްވައިފިއެވެ. 

ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސްގެ ދެމަފިރިކަނބަލުންނެވެ. އެ ރަސްމިއްޔާތުގައި ސްކޭޓިން ރިންގު ބޭނުންކުރާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އެ ކުދިންނާއެކު ރައީސްވަނީ ފޮޓޯގަނޑެއް ނަންގަވާފައެވެ. 

މި ސްކޭޓިން ޕާކުގެ މަސައްކަތްކުރީ އާރްސީސީއިންނެވެ. އެއީ ކުންފުނީގެ އިޖުތުމާއީ ޒިންމާގެ ތެރެއިން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މަސައްކަތް ނިންމާފައިވަނީ ފަސް މަސްދުވަހުންނެވެ. އެގޮތުން ތިން މަސްދުވަހުން ސްކޭޓިން ރިންގުގެ މަސައްކަތް ނިންމުމަށްފަހު، އިތުރު ދެ މަހުން ސްކޭޓިން ޕާކުގެ މަސައްކަތް ނިންމާފައިވެއެވެ. 

މިއީ މާލޭ ސަރަހައްދުގައި މި ކުޅިވަރަށް ހާއްސަކުރެވިގެން ހުޅުވުނު މިފަދަ ފުރަތަމަ އެރީނާއެވެ. ސްކޭޓިންއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާތީ ބައެއް ރަށްރަށުގައި ސްކޭޓިން ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ޕާކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭ މިންވަރަށް ޒުވާން އެތުލީޓުންގެ ހުނަރުތައް ތަރައްގީކުރުމަށްވެސް މަގުފަހިވާނެ ކަމުގައި ވިދާޅުވިއެވެ. 

އަދި މި މަޝްރޫއަށް ބިން ހަމަޖައްސަވައި، އެ މަޝްރޫއު އަވަސްކުރުމަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވައި މަގުކޮށައިދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި އާރްސީސީއާއި ވުޒާރާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވަމުން ވަޒީރުވަނީ ޝުކުރު އަދާކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު