ENGLISH

02 އޭޕްރީލު 2026

Advertisement

އަމާޒަކީ ޖޫންގެ ނިޔަލަށް ބޭރުމަގުގެ މަސައްކަތް ނިންމުން: ވަޒީރު

02 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން --

އަމާޒަކީ ޖޫން މަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަގުފުޅާކުރުމުގެ މަސައްކަތް ނިންމުން ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިހާރު ކުރިއަށް ދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތާއި ގުޅޭގޮތުން ވަޒީރު މުއްޠަލިބް ވިދާޅުވީ އަމާޒަކީ މިހާރު ފަށާފައިވާ މަސައްކަތް މަސް ދުވަސްތެރޭގައި ނިންމުން ކަމަށެވެ. އަދި އިއްޒުއްދީން ފާލަމާއި ހަމައަށް އޮތް ބައިގެ މަސައްކަތް ޖޫންގެ ނިޔަލަށް ނިންމާނެ ކަމަށެވެ.

އެ މަސައްކަތް ނިމޭއިރު 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވެސް ތަރައްޤީ ކުރަން ވަނީ ނިންމާފަ އެވެ. އަދި ދޯނިތަކަށް ކައިރި ކުރެވޭނެ ގޮތަށް ވަށައިގެން ކީވޯލް ޖަހާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވީ މިހާރު މަސައްކަތް ހިނގަމުންދަނީ ގިނަ އޮފީސްތަކެއް ހުންނަ ސަރަޙައްދެއް ކަމުން މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް އާންމުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަނޑައެޅިފައިވާ ތާރީޚުތަކަށް މަަސައްކަތް ނިންމޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށް ގެންދާ މި މަޝްރޫޢުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ. ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގަ އެވެ.

9 އޭޕްރިލް 2025 ގައި އެމްޓީސީސީ އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

ކިޔުންތެރިންގެ ހިޔާލު