ENGLISH

03 އޭޕްރީލު 2026

Advertisement

އެންއޯޕީއާ ޑޮލަރުގެ ލިކުއިޑީޓީ ވަރަށް ހަރުދަނާ މިންވަރަކަށް ބެހެއްޓިފައިވާ ކަމުގެ ޔަޤީންކަން ދީފި

02 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ބީއެމްއެލް ހެޑް އޮފީސް. ފޮޓޯ: ދި އެޑިޝަން

ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮސިޝަން (އެންއޯޕީ) އާއި، ޑޮލަރުގެ ލިކުއިޑީޓީ ވަރަށް ހަރުދަނާ މިންވަރަކަށް ބެހެއްޓިފައިވާ ކަމުގެ ޔަޤީންކަން ދީފި އެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮސިޝަން (އެންއޯޕީ) އާއި، ޑޮލަރުގެ ލިކުއިޑީޓީ ވަރަށް ހަރުދަނާ މިންވަރަކަށް ބެހެއްޓިފައިވާ ކަން އެންގުމާއެކު، އަދި މި ފައިނޭންޝަލް ކޮންސެޕްޓުގައި ހުރި ތަފާތުތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވައިދޭން ބޭނުންވާކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20- އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނެވެ. މިއިން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާ ކަމެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށް ކަމަށެވެ. އަދި ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް މިދިޔަ އަހަރު ހޯދާފައިވާ ކަމަށްވެސް ފާހަގކޮށްފައިވެއެވެ.

މިއީ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، އަދި ބައިނަލްއަގުވާމީ ސްޓޭނޑަރޑް ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައި ހޯދާފައިވާ ކާމިޔާބީއެކެވެ.

ބީއެމްއެލް އިން ބުނީ، އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައި ވާނެ ކަމަށެވެ.

 ބޭންކް އޮފް މޯލްޑިވްސް އަބަދުވެސް ދެމިއޮންނާނީ ދެފުށް ފެންނަ، ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމަށާއި، ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި  ބެންކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމުގައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު