ENGLISH

02 އޭޕްރީލު 2026

Advertisement

އެމްޑީޕީން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅުހަދަނީ ރައީސް އެކަމަށް ތާއީދުކުރައްވާތީ: މަހުލޫފު

02 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރު އަހްމަދު މަހުލޫފު، ފޮޓޯ: ޕީއެންސީ

އިދިކޮޅު އެމްޑީޕީން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުހަދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަމަށް ތާއީދުކުރައްވާތީ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. 

މަހުލޫފު މިފަދައިން ވިދާޅުވީ ރޭ ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގައި ހުންނެވި ދުވަސްވަރު އެ ޕާޓީން ރާއްޖޭގައި އޮންނާންވީ ވެރިކަމުގެ ނިޒާމާމެދު ބަހުސްކުރެވުނުއިރު ގޮތް ނިންމީ ކިހިނެއްކަނަް ސާފުވެވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަފާނެ ކަމުގައި ވިސްނައިގެން އެއިރު އެމްޑީޕީން ތައްޔާރުވަމުންދިޔައީ ރިޔާސީ  ނިޒާމަށް ތާއީދުކުރުމަށެވެ. 

ސަފީރު ވިދާޅުވި ގޮތުގައި އެގޮތަށް އެމްޑީޕީން ތައްޔާރުވަމުންދަނިކޮށް، އެއިރު ރައީސް މައުމޫނުގެ ޕާޓީކަމަށްވާ ޑީއާރްޕީގެ ތެރޭގައި ނެގުނު ވޯޓަކުން ރިޔާސީ ނިޒާމަށް ތާއީދުކުރަން ނިންމުމާއެކު، އެމްޑީޕީން ކުރީގެ ވިސްނުން ދޫކޮށް، ބަރުލަމާނީ ނިޒާމަަށް ތާއީދުކުރަން ނިންމީއެވެ. 

"ހަމަ މިއަދު އެފެންނަނީ މިކަން. ރައީސް ތާއީދުކުރެއްވީ އަޅުގަނޑުމެން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިއްމުކަމެކޭ. އެކަން އެގޮތަށް ނިންމެވީމާ އަޅުގަނޑުމެންނަށް އަޑުއިވުނީ އެމްޑީޕީގެ ސްޓޭންޑު އެކަަށް ބަދަލުވިކަން. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުން އެއީ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ދެކެން، މިއީ ރައީސް ނަޝީދު ވިދާޅުވި ވާހަަކަ. ރައީސް އެކަން އިއުލާނުކުރެއްވި ދުވަހު އެމަނިކުފާނު ދެއްވި އެންޑޯސްމެންޓު. އަދި އަޅުގަނޑު އެމްޑީޕީގައި ހުރިއިރު އެ ޕާޓީގެ ވިސްނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ލޯކަލް ކައުންސިލުތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން،" ފަލާހު ވިދާޅުވިއެވެ. 

މަހުލޫފު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މައްސަލަ ބޮޑު ސިޔާސީ މައްސަލައަކަށް ހަދައިގެން ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެމްޑީޕީން ކުރައްމުންދާ މަސައްކަތްތަކަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އޭނާ ވިދާޅުވި މި އޮޅުވައިލުމުގެ ތެރެއިން އެ އިސްލާހު ނުގެނެވިއްޖެނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ރައީސް ޑރ.މުއިއްޒަކަށް ނޫނެވެ. 

މަހުލޫފީ ވިދާޅުވީ އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ތަހައްމަލުކުރަންޖެހެނީ ގައުމަށާއި ރައްޔިތުންނަށެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާން މީހުން ނިކުންނަ އަދަދު އިތުރުވާނެ ކަމެއް ކަމަށާއި، ތާރީހުގައި އެންމެ 300 ވޯޓުން މަޖިލީހަށް މެންބަރުން އިންތިހާބުވެވަޑައިގެންފައި ހުރިކަމަށާއި، ވޯޓުލާ މީހުން އިތުރުވުމުން ގިނަ މީހުން ނުކުމެ އެންމެ ރަނގަޅު މީހާ ހޮވުމަށް ފުރުސަތު ފަހިވާނެ ކަމުގައި ވިދާޅުވިއެވެ. 

ސަފީރު ވިދާޅުވީ އާއްމު ހިޔާލު ހޯދުމުގެ ވޯޓަށް އެހީމާ އެކަންވެސް ގޯސްވެގެން ކޯޓަށް ގޮސް، ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު ދިނުންވެސް ހުއްޓުވަން އެމްޑީޕީން މަސައްކަތްކުރުމަކީ ޑިމޮކްރަސީއާ އެ ޕާޓީ ދުރުކަން ފެންނަ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު