ENGLISH
02 އޭޕްރީލު 2026
ވަކި ސިޔާސީ އެޖެންޑާއެއްގެ ދަށުން މަސައްކަތް ކުރާ ކައުންސިލެއް ހޮވައިފިނަމަ ލިބޭނީ ގެއްލުން: މެމްބަރު ޝާހިދު
02 އޭޕްރީލު 2026
|
މެމްބަރު ޝާޑް ޕީއެންސީގެ ޖަލްސާއެއްގައި. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ސިޔާސީ ވާދަވެރިކަމެއްގައި، ރައްޔިތުންގެ ޙައްޤުތައް އެކަހެރިކޮށް، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތްކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ހުޅުދުއަށް ކުރާނެކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބާ ގުޅިގެން ހުޅުދޫ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ހާއްސަ މެސެޖުގައި މެމްބަރު ވިދާޅުވީ ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރު ހުޅުދޫގެ ރައްޔިތުން ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަމުން މަހްރޫމުވެފައިވަނިކޮށް، ރައްޔިތުންގެ އަޑުއައްސަވައި ހުޅުދޫއަށް ވަކި ކައުންސިލެއް ކަށަވަރު ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.
"މިގޮތުން ހުޅުދޫގައި އަލަށް އުފެދޭ ކައުންސިލާ މެދު ރައްޔިތުންގެ ފޮނި އުއްމީދުތަކެއް ވާކަން ކަށަވަރެވެ. އަދި ތިޔަ ލޮބުވެތި ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ނެރެދޭނެ ކައުންސިލެއް އުފެދުމަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ހައިސިއްޔަތުން އަޅުގަނޑުގެވެސް އެދުމެވެ." މެމްބަރުގެ މެސެޖުގައި ވެއެވެ.
ޕީއެންސީގެ މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެންމެ އެދެވޭ ގޮތަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ކަމުގައި ހަދައި، އެކަމަށް މަގުފަހި ކުރުމަށް ކައުންސިލްތައް ބާރުވެރިކުރުވާ ސަރުކާރެއް ކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެނަސް ވާދަވެރި ފިކުރުގެ ޢަމަލުތަކަށް ބަލާއިރު ސަރުކާރުން ރައްޔިތުންގެ ޙައްޤުގައި ބޭނުންވާ އެދެވޭ ކަންތަކުގައިވެސް ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅުހަދައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް ސިޔާސީ މަސައްކަތް ކުރާތަން ފެންނަމުންދާކަމަށް ވިދާޅުވި އެވެ.
މިކަމުގެ މިސާލުތައް ހުޅުދޫއިން ވެސް ފެނިފައިވާކަމަށާއި ނިމިދިޔަ އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވެސް އިދިކޮޅު ޕާޓީގެ ފަރާތުން ފެނިގެންދިޔައީ ހުޅުދޫގެ އިދާރީ މިނިވަންކަން ހޯދައިދިނުމަށް ފާޅުކަން ބޮޑުގޮތަކަށް ދެކޮޅުހެދި މަންޒަރުކަމަށް މެމްބަރު ޝާހިދު ވިދާޅުވި އެވެ.
"އަދި މިވަގުތު އޮތް، މި ދެ ދެންނެވި ސިޔާސީ ޕާޓީގެ މެޖޯރިޓީ އޮތް އައްޑޫ ސިޓީ ކައުންސިލްގެ ޢަމަލުތައްވެސް ހުރީ ހަމަ އެފަދަގޮތަކަށްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. އަދުގެ ރައީސްގެ ވަޢުދުފުޅުގައި ހިމެނޭ ސަރުކާރުގެ ސަބްސިޑައިޒް ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ޝެޑެއް ކޮންމެ އަތޮޅެއްގައި ގާއިމުކުރުމުގެ ވަޢުދުގެ ދަށުން ހުޅުދޫގައި ގާއިމުކުރެވޭ އެސް.ޓީ.އޯ.ގެ ޝެޑް ހެދުމަށް ބޭނުންވާ ބިންހޯދުމަށް ސިޓީ ކައުންސިލާއިއެކު މަސައްކަތްކުރަމުންދާތާ އަށް މަސްދުވަސް ވެގެންދިޔައިރު، އަދާއި ހަމައަށްވެސް، އެބިން ހަވާލުނުކުރެވި އޮތްކަމީ މި ދެންނެވި ކަމަށް ބާރުލިބޭފަދަ ހަޤީޤަތެކެވެ،". މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ވަކި ސިޔާސީ ވާދަވެރިކަމެއްގައި، ރައްޔިތުންގެ ޙައްޤުތައް އެކަހެރިކޮށް، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ޒިންމާދާރުކަންކުޑަ ގޮތަކަށް މަސައްކަތްކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ހުޅުދުއަށް ކުރާނެކަމަށެވެ.
އެކަން އެމަގުން ގޮސްފިނަމަ ހުޅުދޫގައި ތަންފީޒުކުރުމަށް ރާވަމުންއަންނަ މަޝްރޫޢުތައް ހިންގުމަށް، ބުރޫއަރައި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް މަޑުޖެހިގެން ގޮސްދާނެކަމުގެ ކަންބޮޑުވުން މެމްބަރު ފާޅުކުރެއްވި އެވެ.
ވުމާއެކު އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވައި ހަމައެދުވަހު ނެގޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވުމަށް ހުޅުދޫގެ ރައްޔިތުންނަށް މެމްބަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.