ENGLISH
02 އޭޕްރީލު 2026
އިދިކޮޅުގެ ވާހަކަ ބައްޓަންކޮށްފައި ހުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް: ފަލާހު
02 އޭޕްރީލު 2026
|
ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
އިދިކޮޅު ޕާޓީތަކުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ދައްކަމުންދާ ވާހަކަތައް ބައްޓަންކޮށްފަައި ހުރި ކޮރަޕްޝަނަށް ހިތްވަރުދީ މަގުފަހިކުރާ ގޮތަށް ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ރޭ ކޮންގްރެސް ޕާޓީން ބޭއްވި ހަރުގެ ޖަލްސާއެއްގައި މިހާރު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ބައެއް ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ފަލާހު ވިދާޅުވި ގޮތުގައި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުން ގާތަށް ވެރިން ވަޑައިނުގަންނަވާނެ ކަމަށާއި، ރައްޔިތުންނަށް ލިބޭ ފައިސާކޮޅު މަދުވާނެ ކަމުގައި އިދިކޮޅުން ބުނަމުންދާ ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅަކީ ރާއްޖޭގައި ކޮރަޕްޝަން ކުޑަކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެއްވުމުގެ ގޮތުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގައި ހުރި އުނިކަންކަން ބަދަލުކުރައްވައި މަޖިލީހުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ރައީސްގެ އިސްނެންގެވުމަށް ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ވިހިވަނަ މަޖިލީހުން ބަންދުކުރައްވާފައިވާ ކމަަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިސާ މަދުވާނެ ކަމަށް އިދިކޮޅުން އެބުނަނީ އިންތިހާބުތަކާ ގުޅިގެން މުޑުދާރު ފައިސާ ބެހުމަކީ އެ ޕާޓީތަކުން ކުރަމުންދާ ކަމަކަށްވާތީ ކަމަށެވެ. އަދި އެ ވާހަކައަކީ ވަރަށް ފެންވަރު ދަށް ވާހަކައެއްކަން ފާހަގަކުރައްވަމުން ފަލާހުވަނީ އެއީ ކޮރަޕްޝަނާއި އިދާރީ ފަސާދައަށް ހިތްވަރުދިނުންްކަން ފާހަގަކުރައްވާފައެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި އޮންނާތީ އިދިކޮޅުން މިކިޔަނީ ކީކޭތޯ؟ އިންތިހާބުތައް ގިނައިން އޮތީމައޭ ރައްޔިތުންނަށް ގިނައިން ފައިސާ ލިބޭނީ. ގިނައިން ލިބޭ ފައިސާ އެއީ ކޮން ވާހަކައެއްތޯ އެ ބުނެދެނީ؟ ނުބައި ފައިސާ އިންތިހާބުތަކާ ދިމާކޮށް ބަހަނީ. އެއީ އެ ބޭފުޅުންތައް އަމަލުކުރާ ގޮތް. އެހެންވީމާ ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް އަމަލުތައް ބައްޓަންކުރަމުންދަނީ،" ފަލާހު ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ނިޒާމު އިސްލާހުކުރައްވާނެކަމަށް ރައީސް އިއުލާނުކުރެއެްވުމުން ތާއީދުކުރެއްވި ބައެއް ލީޑަރުން ވާހަކަ ބަދަލުކުރައްވައި މިހާރު އެ އިސްލާހާ ދެކޮޅުހައްދަވާ ސަބަބެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވީ އެ ބޭފުޅުންގެ ސިޔާސީ މަސްލަހަތެވެ.
އާއްމު ހިޔާލު ހޯދުމުގެ ވޯޓަށް އިދިކޮޅުން އެހާ ބޮޑަށް ސަމާލުކަންދެނީ އެ އިންތިހާބުގައި ގައުމުގެ ކުރިމަގަށް އަދި ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭނެ ގޮތަށް އެ އިންތިހާބު ނިމިގެން ހިނގައިދާނެތީ ކަަމަށްވެސް ފަލާހު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ގައުމަށް ހެޔޮ ބަދަލެއް އައިސް ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް ކަންކަން ވުމަށް ނޭދޭނެއެވެ.