ENGLISH
02 އޭޕްރީލު 2026
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ކޯޓާ ފީ އުވާލައިފި
02 އޭޕްރީލު 2026
|
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ކޯޓާ ފީ އުވާލައިފި-- ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިން ގެންނައިރު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ތަފާތު އެކި ވިޔަފާރިތަކުގައި ގިނަ ބިދޭސީ މަސައްކަތްތެރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް 2000 ރުފިޔާގެ ކޯޓާ ފީއެއް އެއްއަހަރުގެ ތެރޭގައި ދާޚިލީ ސަލަމާތާއި ފަންނިއްޔަތާ ބެހޭ ވުޒާއިން ކަނޑައަޅާ ތަނަކަށް ދައްކަން ޖެހެއެވެ.
ސަރުކާރުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމަށްޓަކައި، އެފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން " ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދަށް" އިސްލާޙެއް ގެނެސްފަ އެވެ. މި އިސްލާހުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ރާއްޖެ އެތެރެކުރުމަށް އެދި ހުށައަޅާފައިވާ ބިދޭސީންގެ އަދަދު 20 އަށްވުރެ ދަށްނަމަ، ކޯޓާ ފީއެއް ދައްކަން ނުޖެހޭ ގޮތަށްވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް މިއިސްތިސްނާ ދެވޭ ކުންފުންޏާއި ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުންދެވޭ އިސްތިސްނާއެއް ނުލިބޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިން 20 އަށްވުރެ ކޯޓާ އިތުރުކުރާ ހާލަތުގައި، އިތުރުކުރާ ކޮންމެ ކޯޓާއަކަށް، ކޯޓާ ފީ ދައްކަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި އިސްލާޙު ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން، މި އިސްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޔޫޓިލައިޒްކޮށް ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުން ހުއްޓާލާން ޖެހެއެވެ.
އަލަށް ގެނެވުނު އިސްލާހުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ފަރާތްތަކުން، ފީ ނުދެއްކޭ ސަބަބުން ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށައެޅުމުން، ޙާލަތްތަކަށް ރިޢާޔަތްކޮށް، ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިދޭގޮތަށްވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ފަރާތްތަށް ހުއްޓުވާ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.