ENGLISH

04 އޭޕްރީލު 2026

Advertisement

މާލޭ ރައްޔިތުންނަށް ރައީސްގެ އިލްތިމާސް؛ ޕާޓީ ރޫހު ދޫކޮށް ޖަލީލާއި އަލައިކާއަށް ވޯޓު ދެއްވާ

02 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ޕީއެންސީ

މާލޭ ހުރިހާ ރައްޔިތުން ސިޔާސީ ޕާޓީގެ ރޫހު އެއްފަރާތްކުރުމަށްފަހު، ގައުމީ ވިސްނުމުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލާއި، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ އާޝިޔާތު އަލައިކާ އަދުނާނު ހޮއްވަވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. 

ރޭ އެ ޕާޓީގެ ޖަގަހައިގަ ކުރިއަށްގެންދޔަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ކޮންގްރެސް ޕާޓީން ކުރާނީ ގައުމީ ވިސްނުމުގައި މަސައްކަތްކުރާ، ގައުމު އެންމެ ބޮޑު އިސްކޮށްގެން އަމިއްލަަ ކަންކަން އިސްނުކޮށް މަސައްކަތްކުރަމުންދާ ޕާޓީއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ސަރުކާރާއި ޕާޓީންވެސް ގައުމު އިސްކޮށްގެން، ގައުމަށް ކޮށްދެވެން އޮތް މަސައްކަތް ބަލައި ހޯދައިގެން ކަންކަން ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތައް ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ވިއްކުމާއި ގަތުން މަނާކުރުން ފަދަ ފިޔަވަޅުތަކަަކީ މުސްތަގުބަލުގެ ޖީލުތަކުގެ ދުޅަހެޔޮކަން އިސްކުރައްވައިގެން އެމަނިކުފާނު އެޅުއްވި ފިޔަވަޅުތައް ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭ ސިޓީގައި ކުރައްވަން ނިންމަވާފައި ހުންނެވި މުހިއްމު ގިނަ ކަންކަން ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދޭން އޮތް އިދާރާއަކީ މާލެ ސިޓީ ކައުންސިލުކަމަށްވާތީ އެމަނިކުފާނު ނިންމެވީ އެ އިދާރާއަށް ގައުމީ ލޯބި ހިތްޕުޅުގައި އުތުރިއަރާ ޝަހުސިއްޔަތެއް، އެ ލޯބި ދައްކަވާފައިވާ ބޭފުޅަކު އެ މަގާމަށް ނެރުއްވުމަށް ކަމަަށެވެ. 

"މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ހަަތަރެއް އޭޕްެރީލުގައި އޮންނަ ވޯޓުގައި އެމަނިކުފާނު ހޮއްވަވައިދެއްވަން. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް ތިޔަ ރައްޔިތުންނާމެދުގައި. މިއަދު މިތަނުގައި އަޅުގަނޑުމެންނަށް އަމާންކަމާއެކު މިތިބެވެނީ މިގައުމު މިއަދާ ހަމަައަށް އަމާންކަމާއެކު މިއާދެވުނީ، ސިފައިންނާއި އާއްމުންގެ އެތައް ބަޔަކު ދެއްކި މިސާލުގެ ސަބަބުން. އޭގެ އެންމެ ވަރުގަދަ މިސާލު ދެއްކެވި އެއް ލީޑަރަކީ މޫސާ އަލީ ޖަލީލު،" ރައީސް ވިދާޅުވިއެވެ. 

ޖަލީލު ނޮވެންބަރު ތިންވަނަ ދުވަހު މޭ އައްޑަނައަށް ދޫކުރައްވައިގެން ގައުމުގެ ދިފާއުގައި ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުމަކީ މިއަދުގެ ޒުވާން ކުދިންނަށް ނޭނގޭނެކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މިއަދު ޒުވާނުންނަށް ކިޔައިދޭންޖެހޭ ކަމެއް ކަމަށެވެ. އެ ދުވަހު ގުރުބާންވި ބަތަލުންގެ ވާހަކަ ކިޔައިދުނުމާއެކު، މާލޭ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވީ އެފަދަ ބަތަލެއްކަން ބުނެދޭންޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން މާލޭ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް އޮތް ތަނުގައި ކަންކަން ގެންދެވުމުގައި އެ ގައުމީ ވިސްނުމުގައި އެ ހިތްވަރާއެކު، އިހުލާސްތެރިކަމާއި މުރާލިކަމާއެކު މަސައްކަތްކުރައްވާނެ ބޭފުޅަކީ ހަމަ ޔަގީނުންވެސް މޫސާ އަލީ ޖަލީލު. މިއީ ސުވާލެއްވެސް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެންވާނެ ކަމެއް ނޫން. ޕާޓީ ރޫހު ދޫކޮށްލައްވާފައި ގައުމީ ވިސްނުމުގައި ކުރިއަށްވަޑައިގަންނަވަންވީ،" ރައީސް ވިދާޅުވިއެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އެމަނިކުފާނު މާލޭ މޭޔަރު މަގާމުގައި ހުންނެވިއިރުވެސް އޮތް ކޮމިޓީއެއް ކަމަށާއި، ކޮމިޓީ ހިންގުމަށް އެއިރު އޮފީހަކާއި ވަސީލަތްތައް ކައުންސިލުން ފަހިކޮށްދިން ނަމަވެސް، ކޮމިޓީގެ ތެރޭގައި ލީޑާޝިޕް ނެތުމާއި، އެއިރު ކޮމިޓީގައި އަޣުލަބިއްޔަތު އޮތް ޕާޓީން އެކަށީގެންވާ ގޮތަށް އިރުޝާދު ނުލިބުން ފަދަ ކަންކަމުގެ ސަބަބުން އެ ކޮމިޓީއަށް މަސައްކަތްތަކެއް އެކަށީގެންވާ ގޮތުގައި ކުރެވިފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. 

"އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވެފައި ހުރި މުހިއްމު ވައުދުތަކެއް މާލެއަށް އަދި މުޅި ރާއްޖެއަށްވެސް އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތުމާއީ ގޮތުން ކޮށްދޭންހުރި ކަންކަން ކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ ލީޑުކުރައްވާނީ އަލަައިކާ،" ރައީސް ވިދާޅުވިއެވެ. 

އެކި ސަބަބުތަކާހުރެ މާލޭގެ ޑަބްލިއުޑީސީ އޮތީ ހަރަކާތްތެރިކަމެއް ނެތިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަލައިކާ އެކަން ބަދަލުކުރައްވާނެ ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވާނީ އަލައިކާއަށްވާތީ އޭނާއަށްވެސް ވޯޓު ދެއްވުމަށް މާލޭ ރައްޔިތުންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ. 

ކިޔުންތެރިންގެ ހިޔާލު