ENGLISH

02 އޭޕްރީލު 2026

Advertisement

ފަތުރުވެރިކަމުގެ އައު އިންވެސްޓްމެންޓުތަކަށް ޖާގަ ހުޅުވާލާނަން: މުޝްރިފް

02 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މުޝްރިފް، ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން: ފޮޓޯ: ކެމްޕެއިން ޓީމް

އައްޑޫ ސިޓީގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސް، އެ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، އައު އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ. 

ކެމްޕެއިން ޖަލްސާއެއްގައި އައްޑޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން މުޝްރިފް ހާމަކުރެއްވި ގޮތުގައި، އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ޓޫރިޒަމް ޒޯންތަކުގައި މިހާރު ކުރެވެމުންދާ އިންވެސްޓްމެންޓްތައް ހިމާޔަތްކޮށް، އެ ތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް އަވަހަށް ނިންމުމެވެ. މިގޮތުން ކަރަންޓާއި، ފެނާއި، ކުނި މެނޭޖްކުރެވޭނެ ނިޒާމުގެ އިތުރުން މަގު ހެދުމުގެ މަސައްކަތްތައް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ޓޫރިޒަމް ޒޯންތަކުގައި ނެހެދި ހުރި ތަންތަން ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދޭނަން. އިންވެސްޓް ކުރާނެ ފައިސާ ހޯދުމުގެ މަގު ފަސޭހަކޮށްދީ އަވަހަށް މަންފާ ލިބޭނެ މަގު ފަހިކުރާނަން،". އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ހުރިހައި ކަމެއް، ކައުންސިލް ގައި އުފައްދާ ޓޫރިޒަމް ޑެސްކް މެދުވެރިކޮށް ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަ ޖައްސައި އެކަންކަމާއި ގުޅޭ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޙާއްސަ ހޮޓްލައިން އެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

ޒުވާނުންނާއި އަންހެން ކަނބަލުންނަށް މި ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރާއި ބޭންކިން ނިޒާމުގެ ތެރެއިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުޝްރިފް ވިދާޅުވި އެވެ. 

އައްޑޫއަކީ ފަތުރުވެރިންނަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި "ދަ ގްރޭޓަރ އައްޑޫ"ގެ ތަސައްވުރުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފަ އެވެ.

މި ތަސައްވުރުގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އައްޑޫގެ ދަތުރުފަތުރުގެ ނިޒާމު : އިންތިޒާމީ ޓުއާ ބަސް ދަތުރުތައް ފެށުމާއި، ބައިސްކަލް ބުރު ޖެހޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ކިއު.އާރު. ޗާޓެއްގެ އެހީގައި އައްޑޫ ބަލާލެވޭނެ ގޮތް ހެދުން.
  • ދެކުނުގެ ފަތުރުވެރިކަމުގެ ވިއުގަ : އައްޑޫ، ފުވައްމުލައް އަދި ހުވަދޫ އެއް ވިއުގައަކުން ގުޅާލައި، ގުޅިފައިވާ އެކްސްކާރޝަން ޕެކޭޖުތައް ތައާރަފްކުރުން.
  • ފަތުރުވެރިންނަށް ފަހި މާހައުލެއް : ސާފުތާހިރު ގޮނޑުދޮށްތަކާއި، ޕާކްތަކާއި، މަގުމަތީގެ ނިޝާންތަކާއި ބައްތިތައް ފަދަ އަސާސީ ވަސީލަތްތައް ފުރިހަމަކުރުން.
  • އިގްތިޞާދީ އަދި ސަގާފީ ވިއުގަ : ކުދި ވިޔަފާރިތަކާއި އާންމުންގެ އުފެއްދުންތައް ފަތުރުވެރިންނަށް އިޝްތިހާރުކޮށް، ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުން.

މުޝްރިފް ވިދާޅުވި ގޮތުގައި، އޭނާގެ ފަސް އަހަރުގެ ދައުރު ނިންމާލާނީ އައްޑޫގެ ޒުވާނުންނާއި، ކަނބަލުންނާއި، ވިޔަފާރިވެރިންނަށް ފަތުރުވެރިކަމުގެ ފޮނި މަންފާ ސީދާ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްފަހު އެވެ. މިކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންކަން ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މުޝްރިފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު