ENGLISH

02 އޭޕްރީލު 2026

Advertisement

މޭޔަރު ނިޒާރު ކައުންސިލް ހިންގަނީ ރައްޔިތުން ބައިވެރިނުކޮށް އަމިއްލަ ވިސްނުމަށް: މެމްބަރު އިސްމާއީލް ނިޒާރު

02 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މެމްބަރު އިސްމާއީލް ނިޒާރު. އައްޑޫ ކައުންސިލަށް ބަދަލެއް ބޭނުންވާކަމަށް ވިދާޅުވި. ފޮޓޯ؛ މަޖިލިސް

އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު އައްޑޫ ސިޓީ ކައުންސިލް ހިންގަނީ ރައްޔިތުންގެ އަޑު ނާހައި ރައްޔިތުން ބައިވެރިނުކޮށް އޭނާގެ އަމިއްލަ ވިސްނުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ. 

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިފަހުން އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ އަވަށްތަކުގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންދަވާފަ އެވެ. މި ހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ ޝަކުވާތައް ވަނީ އަޑު އައްސަވާފަ އެވެ. މި ދަތުރުފުޅުގައި އެކަމަނާއަށް ބޮޑު ތާއީދެއް ލިބުނުކަން ފާހަގަކުރައްވައި "އެމްއެމްޓީވީ"އާ ވާހަކަދައްކަވަމުން މެމްބަރު ވަނީ މުޅި އައްޑޫ ސިޓީ މިފަހަރު ބަދަލަކަށް ބޭނުންވާކަމަށެވެ. 

އައްޑޫގެ މިހާރުގެ މޭޔަރު ނިޒާރު ކައުންސިލުގެ ތެރެއިން ކަންކަން ކުރައްވާގޮތުން ރައްޔިތުން ތިބީ މާޔޫސްވެފައިކަމަށް މެމްބަރު ވިދާޅުވި އެވެ. 

"ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނިޒާރާ ދޭތެރޭ ނުރުހި. އެންމެ ބޮޑަށް ނުރުހެނީ އަމިއްލަ ވިޝަންއަކަށް ކައުންސިލް ހިންގާތީ،". މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގެ ދައުރެއް ނިންމައި އަދި މޭޔަރު ކަމުގެ ދައުރެއް ނިންމާއިރު ޖުމްލަކޮށް މުޅި އައްޑުއަށް އަދި ވަކިން ހާއްސަކޮށް މަރަދޫ، މަރަދޫ-ފޭދޫ، އަދި ފޭދޫގެ ތަރައްގީއަށް ނިޒާރަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ. 

"ހުޅުދުއާއި މީދޫގެ ރައްޔިތުން އައްޑޫ ސިޓީން ވަކިވާން ވޯޓު ދިނީ ވެސް ނިޒާރު މޭޔަރަކަށް ހުރެ ކަންކަން ކުރާ ގޮތުގެ ސަބަބުން،". މިދިޔަ އޮކްޓޯބަރުމަހު އައްޑޫ ސިޓީގައި ނެގުނު ފެންނަނުފެންނަ ވޯޓަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ސިޓީން ވަކިވާން ފެންނަ ކަމަށް ވޯޓު ދިން މީދޫ އާއި ހުޅުދޫ އެ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް އެ ދެ ރަށުގައި ވަކި ކައުންސިލްތަކެއް ހަދަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އައްޑޫ ސިޓީ ގައި ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ ކަމަށާއި މީދޫ އާއި ހުޅުދޫ އަކީ ވަކި ދެ ރަށެއް ކަމަށް ސަރުކަރުން ވަނީ ކަނޑައަޅާފަ އެވެ. 

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި މި ދެ ރަށުގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް މެމްބަރުން އިންތިހާބުކުރާނެ އެވެ. 

މި ވޯޓުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 723 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުން ނެވެ. މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 847 މީހުން ވޯޓު ދިންއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމިއޮތުމަށް ވޯޓު ދިނީ 144 މީހުން ނެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ.

ކިޔުންތެރިންގެ ހިޔާލު