ENGLISH
02 އޭޕްރީލު 2026
ހއ. ދިއްދޫގައި ދަނާލެއް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
02 އޭޕްރީލު 2026
|
ހއ. ދިއްދޫގައި ދަނާލެއް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެތެރެއިން-- ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ހއ. ދިއްދޫގައި އަލަށް ބިނާކުރާ ދަރިވަރުންގެ ދަނާލު އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްލަޠީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން ދިއްދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 32 ކޮޓާރިއާއެކު، ދަރިވަރުންނަށް ބޭނުންވާނެ އެންމެހައި ޒަމާނީ ވަޞީލަތްތަކާއި ޚިދުމަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ހއ. ދިއްދޫގައި ދަނާލެއް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެތެރެއިން-- ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
މިއީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހޯދޭނެ ފަހި މާޙައުލެއް ފޯރުކޮށްދިނުމެވެ.
ދިއްދޫގައި މިހާރު ތަރައްޤީ ކުރަމުންދާ ޖޫނިއަރ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިންގ އަދި އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒެކެވެ. ދަނާލު މަޝްރޫޢުގެ ސަބަބުން އެ ކޮލެޖުން ތަޢުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަ ވެގެދާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ގަބޫލުކުރެ އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤާއުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ތަރައްޤީކުރަމުންނެވެ. އެތަންތަން ތަރައްޤީ ކުރާއިރު،ދަރިވަރުންނަށް އެރަށެއްގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކަމަޑޭޝަން ބްލޮކްތަކާއި ދަނާލުތައް ގާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.