ENGLISH
02 އޭޕްރީލު 2026
މޭޔަރުކަމަށް އިންތިޚާބުވެއްޖެނަމަ ޒުވާނުންނަށް ޚާއްޞަ ފުރުސަތުތަކެއް ފަހިކޮށްދޭނަން: މޫސާ ޖަލީލް
02 އޭޕްރީލު 2026
|
28 މާރިޗު 2026، ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމުގެ ހަރަކާތުގައި މޫސާ ޢަލީ ޖަލީލް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެއްޖެ ނަމަ، ޒުވާނުންނަށް ޚާއްސަ ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށް ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ މައްސަލަތަކާއި، އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން މޫސާ ޢަލީ ޖަލީލް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވި ޕާޓީ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ.
މޫސާ ޖަލީލް ވިދާޅުވީ މާލެ ސިޓީގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައާއެކު މާލެ ސިޓީއަށް މިހާރުން މިހާރަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރިކަން މޫސާ ޢަލީ ޖަލީލް ފާހަގަކުރެއްވިއެވެ. އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި އެބޭފުޅޭ ފާހަގަކުރެއްވީ ޒުވާނުންނަށް މިހާރު ހުރި ފުރުޞަތުތައް އިތުރުކުރުމެވެ.
މޫސާ ޖަލީލް ވިދާޅުވީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ. ކައުންސިލްގެ ދައުރުގެ ލިބިއްޖެ ނަމަ، އެ ވިސްނުމުގައި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
"އެއީ ޒުވާނުން މުނިފޫހިފިލުވާނެ ފުރުޞަތުތައް އިތުރުކުރުން. ތަފާތު އެކިކަހަލަ ޒަމާނީ ކުޅިވަރުތައް ކުޅެވޭނެ އެކި ޕްލޭގްރައުންޑްސްތައް އޮޕޮޗުނިޓީތައް އުފެއްދުން. އެކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުން. ޒުވާނުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލައި ޒުވާނުން ބައިވެރިކުރުން. ޒުވާނުންނަކީ މުޖުތަމަޢުގައި ރެސްޕެކްޓް ކުރެވޭ އިތުބާރުކުރެވޭ ބަޔަކުކަމުގައި ހެދުމަށް ޒުވާނުންނާ ގުޅިގެން މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ މިގޮތުން ގިނަ މަސައްކަތްތަކެއް ޒުވާނުންނާއެކު އަޅުގަނޑުމެން ކުރާނަން. އެކި ފުރުޞަތުތައް ހޯދައިދިނުމުގައި އަޅުގަނޑު ދެމި ހުންނާނަން" މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ.
ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއިރު، މިފަހަރުގެ ކެމްޕޭނުގައި ޒުވާނުންނާއެކު ގިނަ ހަރަކާތްތަކެއްގައި މޫސާ ޢަލީ ޖަލީލް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ޒުވާނުންގެ ބައްދަލުވުމުގައި ވެސް މޫސާ ޢަލީ ޖަލީލް ބައިވެރިވެވެވަޑައިގެންނެވިއެވެ.
ޒުވާނުންގެ އިތުރުން، މާލެ އަކީ އެކި ރޮނގުރޮނގުން އެންމެ ގިނަ އިސްރަށްވެހިން ތިބި ރަށްކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. އިސްރަށްވެހިންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ މުޢައްސަސާއަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންނާއި، ހަޔާތުގައި ބޮޑެތި ތަޖުރިބާތައް ކޮށްފައިވާ އެކި ޢިލްމުގެ ބޭފުޅުން ތިބިކަން މޫސާ ޢަލީ ޖަލީލް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އިސްރަށްވެހިންނަށް ވެސް ޚާއްޞަ ގަދަރެއް ދެއްވަމުންކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. މޫސާ ޢަލީ ޖަލީލް ވިދާޅުވީ، މޭޔަރުކަމުގައި އިސްރަށްވެހިންނަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ.