ENGLISH

02 އޭޕްރީލު 2026

Advertisement

ރަޖިސްޓްރީ ކޮށްފައިވަނިކޮށް ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް ޖަލުގައި ވޯޓުލެވޭނެ

02 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ކ.މާފުށީ ޖަލު-- ފޮޓޯ: އެޓޯލް ޓައިމްސް

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާން ޖަލުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް ޖަލުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖަހިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުމަށް، އެ ސާރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަހައްޓާ ވޯޓް ފޮއްޓަށް ރަޖިސްޓްރީ ކޮށްފައިވަނިކޮށް، ޖަލު ހުކުމް ތަންފީޒުކޮށް ނިމި ނުވަތަ ޕެރޯލްގެ ދަށުން މުޖުތަމަޢުއަށް ދޫކޮށްފައިވާ ފަރާތްތަކަށް އެފުރުސަތު ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކުވެސް އެ މީހަކު ރަޖިސްޓްރީކޮށްފައިވާ ޖަލަކަށް ދިއުމުން އެތަނެއްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.

ވޯޓުލުމުގެ ޙައްގަކީ 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްޤެކެވެ. މި ޙައްގު ވީހާވެސް ގިނަ ފަރާތްތަކަށް  ހޯދާދައިދިނުމަށްޓަކައި، ކޮންމެ އިންތިޚާބަކަށް ރީ ރަޖިސްޓްރޭޝަނަށް ވުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަންސްއިން ހުޅުވާލަ އެވެ. މިފުރުސަތަކީ، އެމީހަކު ވޯޓުލާ ރަށް ނުވަތަ ތަން  ނޫން އެހެންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ފުރުސަތެކެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުނުއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް އިލެކަޝަން ކޮމިޝަންސް އިން ވަނީ ނިންމާފަ އެވެ. އެއީ މާފުށި ޖަލުގައި 2 ފޮށި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި އަދި ދޫނިދޫ ޖަލުގައި 1 ފޮއްޓެވެ.

އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު