ENGLISH

02 އޭޕްރީލު 2026

Advertisement

މާލެ ސިޓީގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގައި އެންމެ ކުރީގައި ހުރެ މަސައްކަތްކޮށްދޭނަން: މޫސާ ޖަލީލް

02 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ރޭ ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގެ ތެރެއިން

މާލޭ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމާއި ބިންވެރިކަމުގެ މައްސަލަކަމަށާއި، މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުކޮށްދެއްވައިފި ނަމަ، ސަރުކާރާ ރައްޔިތުންނާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕަލްސް ނޭޝަން ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

މޫސާ ޢަލީ ޖަލީލް މިފަދައިން ވިދާޅުވީ ރޭ ކޮންގްރެސް ޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މޫސާ ޢަލީ ޖަލީލް ވަނީ މާލޭ ސިޓީއަށް ގެންގުޅުއްވާ ތަޞައްވުރުގެ ތަފްޞީލް ހާމަކުރައްވާފައެވެ. އެގޮތުން، މޫސާ ޢަލީ ޖަލީލް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ނެތުން ކަމަށާއި، އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ބިންތައް ހިއްކައި، ރާއްޖެ ދެކެމުންދަނީ މީގެކުރިން ނުދެކޭ ވަރުގެ އުމްރާނީ ތަރައްޤީގެ ދުވަސްތަކެއް ކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށްގެންދާއިރު މާލެ ސަރަޙައްދަށް ފަހިވެގެން އެދަނީ ބިންވެރިކަމުގެ އާ ޒަމާނެއް ކަމަށް ވިދާޅުވިއެވެ.

"ގެދޮރުގެ ދަތިކަމުން ރައްޔިތުން ސަލާމަތްކޮށްދޭން އެބަ މަޖުބޫރުވޭ. އަޅުގަނޑު ތެދުވެ މިހުރީ އެގޮތުގަ. މާލެ ސިޓިގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާ ރައްޔިތުންނަށް ފުރިހަމައަށް އެއްބާރުލުންދީ އިސްވެ އެކަމުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ އަޒުމް" - މޫސާ ޢަލީ ޖަލީލް

މޫސާ ޢަލީ ޖަލީލް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު އެކުލަވާލެއްވި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ނަންބަރު އެކެއްގައި ހިމެނި ޙައްޤަކީ މާލެ ސިޓީ ރައްޔިތުންގެ ބޯހިޔާވަހިކަން ކަމަށެވެ.

"މިއަދު އެމަނިކުފާނު އެކަމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް މާލޭގެ ރައްޔިތުންނެކޭ އެއްފަދައިން ކޮންމެ ރައްޔިތަކު މިދަނީ ދެކެމުން. ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންނަ ބޯޓު މިހާރުވެސް އެ މަސައްކަތުގައި، ރަސްމާލެ ހިއްކުމުގައި އެދަނީ މަސައްކަތްކުރަމުން. މީގެ އަނެއްބަޔަކީ މާލޭގައި ކުދިކުދި ބިންކޮޅުގައި އުޅޭ ރައްޔިތުންނަށް ތަނަވަސް ގޮތެއް ހޯދައިދެއްވުން. ފްލެޓް ނަމަވެސް ގޯތި ނަމަވެސް ކޮންމެވެސް ގޮތެއް ހަމަޖައްސައިދިނުން. މިފަދަ ހުރިހާ ކަމަކަށް ސީދާ ރައްޔިތުންގެ އަރިހަށް ވަޑައިގެން އަޑުއައްސަވައިގެން ރައީސް އެގެންދަވަނީ ހައްލުތައް ދެއްވަމުން" މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. 

މޫސާ ޢަލީ ޖަލީލް ވިދާޅުވީ، ބޯހިޔާވަހިކަމާއި ބިންވެރިކަމުގެ މައްސަލައިގައި ސަރުކާރުގެ ތަޞައްވުރު ޙަޤީގަތަކަށް ހެދުމަށް އެއްބާރުލުން ދޭންޖެހޭ އެންމެ މުހިއްމު މުއައްސަސާއަކީ މާލެ ސިޓީ ކައުންސިލް ކަމަށެވެ. ކައުންސިލްގެ އިސް މީހަކީ މޭޔަރަށް ވާއިރު، ކައުންސިލާއި މޭޔަރު ވާންޖެހޭނީ އަމިއްލަ ޖަޒުބާތުތަކަށްވުރެ ރައްޔިތުންގެ ވޭންތަކަށް އޯގާތެރިވާ ބަޔަކަށް ކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ.

ގެދޮރުގެ ދަތިިކަމުން ރައްޔިތުން ސަލާމަތްކޮށްދޭން މަޖުބޫރުވެފައިވާކަމަށާއި، ސަރުކާރާ ގުޅިގެން މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިންވެރިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު