ENGLISH

02 އޭޕްރީލު 2026

Advertisement

އިންޑޮނީޝިއާއަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ

02 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ބިންހެލުން އައި ސަރަޙައްދުގެ ޗާޓެއް. ސުނާމީގެ އިންޒާރު ވަނީ ނެރެފައި.

އިންޑޮނީޝިއާއަށް މިއަދު ބިންހެލުމެއް އައިސްފައިވާ ކަމަށާއި، ބައެއް ޤައުމުތަކަށް ނުރައްކާ އޮތަސް، ރާއްޖެއަށް އެ ބިންހެލުމުގެ ސީދާ ނުރައްކާ ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. 

އިންޑޮނީޝިއާގެ އިރުމަތީ ކަނޑުގެ ސަރަޙައްދަށް އައީ 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމާ ގުޅިގެން ބޮޑު ސަރަޙައްދަކަށް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ. 

ބިންހެލުން އައިކަމަށް ރެކޯޑްވެފައިވަނީ އިންޑޮނީޝިއާގެ މޮލުކާ ކަނޑުގެ ސަރަޙައްދަށެވެ. އެއީ ރާއްޖެ ގަޑިން ރޭ ފަތިހު 3:48 ގަ އެވެ. 

ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފައިވަނީ ބިންހެލުމާ ގުޅިގެން ބައެއް ގައުމުތަކަށް ސުނާމީގެ ބިރު އެބައޮތް ކަމަށެވެ. 

ސުނާމީ ވޯނިން ސެންޓަރުން ބުނީ، ބިންހެލުން އައި މަރުކަޒާ ގާތްގަނޑަކަށް 1,000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހިމެނޭ އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މެޓް އޮފީހުން އާއްމުކުރި މަޢުލޫމާތުގައި ބުނީ، ބިންހެލުން އައިސްފައިވަނީ މާލެއާ 5،865 ކިލޯމީޓަރު ދުރުން ކަމަަށެވެ. އަދި، ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. 

އިންޑޮނީޝިއާގެ ސުމަޓްރާ ސަރަޙައްދަށް 2004 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައި ބިންހެލުމުގައި ސުނާމީ އުފެދި ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކަށް ގެއްލުންވިއެވެ. އެ ބިންހެލުން 9.2 މެގްނިޓިއުޑްގައި ރެކޯޑް ކުރެވުނު އިރު، ރާއްޖެ އާއި އޭޝިއާގެ ގައުމުތަކުން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު