ENGLISH
02 އޭޕްރީލު 2026
އިންތިޚާބު ކޮށްދެއްވާ؛ ކަންކުރާނަން، ކުރެހުންތައް ޙަޤީޤަތަކަށް ބަދަލުކުރާނެ: މޭޔަރު ކެންޑިޑޭޓް
02 އޭޕްރީލު 2026
|
މިރޭގެ ޖަލްސާގައި މޫސަ ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމަށް ސަރުކާރުން ގެންގުޅޭ މާސްޓާ ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި ފުރިހަަމަ އެއްބާރުލުން ދޭނެ ކަމަށާ ކޮންގްރެސް ޕާޓީގެ މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ކޮންގްރެސްގެ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް މިރޭ ވިދާޅުވެއްޖެ އެވެ.
މޭޔަރު ކެންޑިޑޭޓް މިހެން ވިދާޅުވީ މިރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނޮވެންބަރު ތިނެއްގެ ބަތަލު މޫސާ އަލީ ޖަލީލް ވިދާޅުވީ އެމަނިކުފާނު ހުންނެވީ މާލެއާ މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ބިޔަ ތަސައްވުރު ހަޤީޤަތަކަށް ހެއްދެވުމަށް ނުގުނޑާނެ ފަދަ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.
"އިރާދަކުރެއްވިޔާ މާލެ ސިޓީގެ ކޮންމެ ރައްޔިތަކަށް ކޮންމެ އާއިލާއަކަށް ކޮންމެ ގޭބީސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. މިއީ އެވަގުތު,"
މޫސާ އަލީ ޖަލީލް ވިދާޅުވީ އޭނާގެ މުޅި ހަޔާތް ހޭދަކުރެއްވީ ޤައުމާއި މާލޭގެ ރައްޔިތުންޓަކައި ޚިދުމަތުގައި ކުރެއްވުމުގައި ކަމަށެވެ. އެކަމުގެ އެތައް މިސާލުތަކެއް ދެއްކެވި އެވެ.
އަދި ވިދާޅުވީ އެމަނިކުފާނަކީ ކަންކުރާނެ މީހެއް ކަމަށާ ކުރެހުންތައް ޙަޤީޤަތަކަށް ބަދަލުކުރާނެ މީހެއް ކަމަށެވެ. ގްރޭޑާ މާލެ ސަރަހައްދަށް ރައީސްގެ ބޮޑު ތަސައްވުރެއް އޮތްކަން ފާހަގަ ކުރައްވާ މޫސަ ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ އެކަންކަން ޙަޤީޤަތަކަށް ހެދުމަށް ސަރުކާރާއެކު މުރާލި ކަމާއި ހީވާގި ކަމާއެކު މަަސައްކަތް ކުރައްވާނެ މޭޔަރަކަށް ކަމަށެވެ.
"ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވި މީހެއް ނޫން. އޭގެ ބަދަލުގައި އަބަދުވެސް އަޅުގަނޑަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އަމާން ކަމާއި ސަލާމަތަށްޓަކައި ކުރިއަށްދިޔަ އަމަލީ ޚިދުމަތްތެރިއެއް," މޫސަ ވިދާޅުވި އެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ޕާކިންގެ މައްސަލައާ އެ ނޫންވެސް ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.