ENGLISH
02 އޭޕްރީލު 2026
މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފި
02 އޭޕްރީލު 2026
|
ފުލުހުންގެ މައި އިދާރާ
އެންމެ މަޤްބޫލު
މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ހަށިގަނޑުގެ އޮޓޮޕްސީ އެއް ހެދުމަށް ނިންމާފަައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް މެންދުރު ފަހު 13:10 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާ ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަަށެވެ.
ނަމަވެސް ފުލުހުން ބުނި ގޮތުގައި ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.
ފުލުހުން ބުނީ އެ ސަބަބުތަކާއި ގުޅިގެން އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާ އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.