ENGLISH
01 އޭޕްރީލު 2026
ބިދޭސީން ލީގަލައިޒްވާން ދިން މުއްދަތު އިތުރުކޮށްފި
01 އޭޕްރީލު 2026
|
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ؛އިމިގްރޭޝަން
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްވާން ދިން މުއްދަތު އެއްމަސް ދުވަހަށް އިތުރު ކޮށްފި އެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ މުއްދަތު ހަމަވާން އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ދާހިލީ ސަލާމަތައި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެމުއްދަތު އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ވުޒާރާއިން ބުނީ މުއްދަތު އިތުރުކުރީ ވަޒީފާދޭ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެެ.
ވުޒާރާއިން މި ޕްރޮގްރާމު ކުރިއަށްގެންދަނީ ވަޒީފާ އަދާކުރުމުގެ ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި، ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ގާނޫނީ ހައިސިއްޔަތު ހޯދައިދިނުމަށެވެ.
މި ފުރުސަތު ހުޅުވާލެވިފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ. އެގޮތުން، ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުމާއި، އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއަކަށް ނުވުމަކީ މުހިންމު ޝަރުތުތަކެކެވެ. އަދި ލީގަލައިޒްވާން އެދޭ ފަރާތަކީ މިވަގުތު ދިވެހިރާއްޖޭގައި ހުރި ބިދޭސީއަކަށް ވާންޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކަކަށް ފެތޭ ބިދޭސީންނަށެވެ.
ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.