ENGLISH

01 އޭޕްރީލު 2026

Advertisement

ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވުޒާރާއިން ބުނީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށާއި މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1،250 އަކަފޫޓުގެ ގޯތިތައް ކަމަށެވެ. 

"ބިންވެރިޔާ" ހާއްސަ ސްކީމަކީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ދޫކުރާ އުސޫލެކެވެ. ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނަށް ވެސް އާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިހާރު ހުޅުވާލާފައިވާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ތެރެއިން ފިރިމީހާ/ އަނބިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭތީ، ދެން ހުޅުވާލާއިރު އެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ކެޓަގަރީއެއް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މި ނިންމެވުމާ އެއްގޮތަށް އައު އުސޫލުގެ ދަށުން ކުރިމަތިލާއިރު ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމަ، ފަހުން މާލޭގައި ރަށްވެހިވީއިރު، ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚު އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެއެވެ. 

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލެ މަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ތިން ހަތަރު ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ބައެއް ސެގްމަންޓްތައް ވަނީ އެއްކޮށް ހިއްކާ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު