ENGLISH

01 އޭޕްރީލު 2026

Advertisement

އެމް.ޑަބްލިއު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 31 އަހަރު

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އެމް.ޑަބްލިއު.އެސް.ސީގެ އެމްޑީ މަތީން. މިއަދަކީ ކުންފުނީގެ ހިދުމަތަށް 31 އަހަރު ފުރުނު ދުވަސް. ފޮޓޯ؛އެމްޑަބުލިއުއެސްސީ

މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ) ގެ 31 ވަނަ އަހަރީ ދުވަހެވެ. އެމް.ޑަބްލިއު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް  ދިމާވެފައިވާ  އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ. އެމް.ޑަބްލިއު.އެސް.ސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ.

ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދޭންކަމުގައި ވީނަމަވެސް، މިހާރު މިވަނީ 1000 އަށްވުރެ ގިނަ މުއައްޒަފުންނާއެކު ދެ ލައްކަ މީހުންގެ އާބާދީ (ގާތްގަނޑަކަށް ރާއްޖޭގެ 50 އިންސައްތަ އާބާދީ) އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން ނެވެ. މިއަދު އެމް.ޑަބްލިއު.އެސް.ސީ ފާހަގަކުރެވިފައިވަނީ 100 އިންސައްތަ ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެއްގެ ގޮތުގަ އެވެ. އަދި މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މިކުންފުނިން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުން ނެވެ. އަދި ރ. ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އެމް.ޑަބްލިއު.އެސް.ސީ އަށް 31 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިކަން އެ ކުންފުނިން ހާމަކުރެ އެވެ. މިގޮތުން، ކުންފުނި އުފެދިގެން އައިއިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، ފެނަށް ބޭނުންވާ މިންވަރު އިތުރުވާ ދުވަސްވަރާއި، ކުއްލި ޙާލަތްތަކުގައި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށް، މާލެ ސަރަހައްދުގެ ފެނުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ފެނުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ކުންފުނިން ފާހަގަކުރެ އެވެ. މިގޮތުން، މިދިޔަ އަހަރު، މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ  ފެން އުފެއްދޭ ދެ އާރް.އޯ ޕްލާންޓް ބެހެއްޓި، ހުޅުމާލޭ އޮޕަރޭޝަން  ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން  އުފެއްދޭ  ދެ އާރް.އޯ ޕްލާންޓް އާއި 2500 ޓަނުގެ ފެން އުފެއްދޭ އާރު.އޯ ޕްލާންޓެއް ކުންފުނިން ވަނީ ބަހައްޓާފަ އެވެ. މިއާއެކު މާލޭ ސަރަހައްދުގައި ޖުމްލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް ވަނީ އިތުރުކުރެވިފަ އެވެ.

މާލޭގެ އިތުރުން، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާއިރު މުޅި ގްރޭޓަރ މާލެ ސަރަހައްދުގައި ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް ވަނީ އިތުރުކުރެވި، ޖުމްލަ 25 އިންސަތައިގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. އަދި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ސިނަމާލެ ބްރިޖު މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަންފެށުމާއެކު، ބޭނުންވެއްޖެ ޙާލަތެއްގައި ކޮންމެ ކޮޅަކަށްވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެގޮތް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން، އެމް.ޑަބްލިއު.އެސް.ސީއިން އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށުގައި، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ޔަގީންކަށް ކަށަވަރުކުރުމުގެ ގޮތުން، ހދ. ކުޅުދުއްފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައި، ބޭނުންކުރަން ވަނީ ފަށައިފަ އެވެ. ކުންފުނިން ބުނީ މީގެ ސަބަބުން އެރަށުގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކުރެވި މީގެކުރިއާ އަޅާބަލާއިރު ޖުމްލަ 27 އިންސައްތައިގެ ކުރިއެރުމެއް ލިބިފައި ވާކަމަށެވެ.  

ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިތުބާރުހުރި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިއުގަ އިތުރުކޮށް، ރ. ދުވާފަރުގެ ކަރަންޓް އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވެ، ކަރަންޓު އުފެއްދުމުގެ ޤާބިލްކަން 16 އިންސައްތަ ވަނީ އިތުރުކޮށްފަ އެވެ.

ހަމަމިއާއެކު، ކުންފުންޏަށް 31 އަހަރު ފުރިގެންދާއިރު، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް "ދިވެހިރާއްޖެ 2.0" ދަށުން ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަށް އެމް.ޑަބްލިއު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް މުހިއްމު ބަދަލުތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ގެނެވިފަ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ބިލް ދެއްކުމާއި، ޚިދުމަތަށް އެދުމާއި، ބިލުގެ ތަފްޞީލް އަދި ފެން ބޭނުންކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު  ބަލާލެވޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުންވެސް، މިޚިދުމަތްތަކާއެކު، ޕްރިޕެއިޑް އަދި ސްމާރޓް މީޓަރުގެ އައު ޚިދުމަތް ތަޢާރަފު ކުރުމަށް ކުންފުނިން އަންނަނީ ތައްޔާރުވަމުން ނެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކުރުމުގައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ ފާހަގަކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުމްލަ 111 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފަ އެވެ. އަދި 2026 ވަނަ އަހަރު 04 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައިވާއިރު، އިތުރު 06 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ 07 މަޝްރޫޢެއްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެމް.ޑަބްލިއު.އެސް.ސީއިން ވަނީ ސޮއިކޮށްފަ އެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ، ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީ ނަމަވެސް، 31 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމް.ޑަބްލިއު.އެސް.ސީއިން އަންނަނީ ކުރަމުންނެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ޝޯރޫމުން އަންނަނީ ފެނާއި ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ކުންފުނީގެ އައި.އެސް.އޯ 17025: 2005 ސްޓޭންޑަރޑުގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން ނެވެ.

އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ  ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުހާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، އަދި ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެ އެވެ.  

އެމް.ޑަބްލިއު.އެސް.ސީ އަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚްރުވެރި ކާމިޔާބު ކުންފުންޏެކެވެ.

ކުންފުންޏަށް 31 އަހަރު ފުރިގެންދާއިރު ދެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމް.ޑަބްލިއު.އެސް.ސީގެ އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު