ENGLISH

01 އޭޕްރީލު 2026

Advertisement

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް ހޯދަން ގުޅަންޖެހޭ 1505 ހޮޓްލައިން އަދި އޮންލައިން ޕޯޓަލް ތައާރަފްކޮށްފި

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބޭސް ފިހާރައެއް: ބޭސް ހޯދަން ގުޅަންޖެހޭ 1505 ހޮޓްލައިން އަދި އޮންލައިން ޕޯޓަލް މިހާރުވަނީ ތައާރަފުކޮށްފައި.

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށަކުން ޚިދުމަތް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު މި ހޮޓްލައިން މެދުވެރިކޮށް ބޭސް އޯޑަރުކުރުމާއި، ޒަރޫރީ ސިއްހީ ސާމާނު ހޯދުމުގައި އެހީތެރިކަން ލިބޭނެ އެވެ. އަދި، އީފާސް ބޭނުންކޮށްގެން ކޮންމެ ރައްޔިތަކަށް ވެސް ބޭހަށް އޯޑަރުކުރުމާއި، ބޭހުގެ ސްޓޭޓަސް އަދި ޑެލިވެރީގެ ކަންތައް ވަގުތުން ބަލާލެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. 

މިކަމުގެ އިތުރު މައުލޫމާތު ދެއްވަމުން ސަރުކާރުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހަ އިންތިޒާމުތަކާއެކު ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަކީ އެކުންފުނިން އެންމެ ބޮޑަށް އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ.

ބޭސް ސިޓީއަށް ނުލިބޭ ބޭސްތައް، އެންސްޕާއާ ގުޅިގެން ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަށާޖެހޭ ނިޒާމެއްގެ ތެރެއިން މިހާރު އޮތް ނިޒާމު ބަދަލުކޮށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ގާއިމުކުރަން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.  

"ޕްރިސްކްރިޕްޝަން އަށް ގެންނަ ބޭހުގެ ސްޓޭޓަސް ދެނެގަނެވޭނެ ޕޯޓަލްއެއް އެބަ ތައާރަފްކުރަން. އެސްޓީއޯއިން ރާއްޖޭގައި ހިންގަމުންދާ ފާމަސީތަކާ އަޅުގަނޑުމެން ޙަވާލުވާން މި ތައްޔާރުވަނީ މިއަހަރުގެ މެދުތެރޭގައި. މި މުއްދަތުގައި ވެސް ސްޓޭޓްފާރމާގެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ބޭސް އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ،" ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވި އެވެ.

މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ޑރ. ޝާހް ޢަބްދުﷲ މާހިރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު