ENGLISH

01 އޭޕްރީލު 2026

Advertisement

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ވަތަނީ ޚިދުމަތުގެ ދަރިވަރުން މުދައްރިބުންނާއެކު. ފޮޓޯ؛ދިފާއީ ވުޒާރާ

މި ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެ ފުރުޞަތު  ހުޅުވާލައިފި އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 5، 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ދިފާއީ ވުޒާރާއިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އޭގެތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. 

މި ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް ދިފާއީ ވުޒާރާގެ ފަރާތުން ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ އެވެ. ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގަ ޅ. މާފިލާފުށީގަ އެވެ. 

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް އެ ޒުވާނުން މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނެ ކަމަށާއި މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނެކަން ވުޒާރާއިން ފާހަގަ ކުރެއެވެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލައިފައެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގްރާމުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެމްބަރު 27، 2025 ވަނަަ ދުވަހުއެވެ. އެ ތަމްރީނުތައް ނިންމާލީ ޑިސެންބަރު 28، 2025 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ.

އެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކު ވަނީ އެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާން ނިންމާފައެވެ. އެއީ 38 ރަށަކަަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. 

މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން، ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު