ENGLISH
01 އޭޕްރީލު 2026
މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
01 އޭޕްރީލު 2026
|
މަތީ ތައުލީމާ ބެހޭ ވަޒީރު ހައިދަރު: ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި. ފޮޓޯ؛ މަތީ ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނީ ލޯނު ނަގައިގެން ފުރިހަމަ ކުރެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތައް ކަމަށެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނު ދިނުމަށް ވެސް ފުރުޞަތުތައް ވަނީ ހުޅުވާލާފަ އެވެ.
ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީއަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައް ކަމަށް ފާހަގަކުރެވިފައިވާ ނޭޝަނަލް ޓްރޭނިންގ ނީޑްސް ލިސްޓްގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތައް ހިމެނެ އެވެ. އަދި، މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުންދާ ޕްރޮގުރާމް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ކަމަކާހުރެ ޕްރޮގުރާމް ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީ އެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތު ވެސް ހިމެނެ އެވެ. އަދި ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތު ވެސް ވަނީ ހިމަނާފަ އެވެ.
ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ލޯނުގައި ހިމަނައިގެން ލޯނު ދޫކުރާނެ ޤައުމުތަކެއް ކަނޑައަޅައި މި އަހަރުވެސް ވަނީ ޕޯޓަލް މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ. ވުޒާރާއިން ބުނީ ހުރިހާ ޚަރަދެއް ލޯނުގެ ގޮތުގައި ދޭނެކަމަށް އިޢުލާނުކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު ލިބުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމުގެ ޚަރަދާއި، ކިޔަވަންދާން ބޭނުން ޤައުމުގެ ޚަރަދާއި އަޅާކިޔައި ބެލުމަށްފަހު ދަރިވަރަށް ޚަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރައި ފައިސާ ދެއްކުމުގައި ދަރިވަރަށް ތަކުލީފުކުޑަވާނެ ގޮތަށް ކަމަށެވެ.
މިދިޔަ އަހަރުގެ ލޯނުގެ ފުރުޞަތުތައް އިޢުލާނުކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި، މި ލޯނުތަކަކީ ފުރިހަމައަށް "ޝަރީޢާ ކޮންޕްލައަންޓް" ލޯނުތަކަކަށް ހައްދަވާފަ އެވެ.
ފާއިތުވީ އަހަރުތަކާއި ޚިލާފަށް މި އަހަރު ލޯނު ދިނުމުގެ ކަންކަން ހިންގުމަށް ވުޒާރާއިން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ގެނެވިފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާފައި ބޭއްވުންކަން ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
ދެން ގެނެސްފައިވާ އެންމެ ބޮޑު އަނެއް ބަދަލަކީ، އެހެން އަހަރުތަކުގައި އެކި ދާއިރާތަކުން ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑައަޅާ ފަދައިން، މިއަހަރު ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑަނާޅައި ވަރަށް ގިނަ ދާއިރާތަކެއް ހުޅުވާލައިފައި ބޭއްވުމެވެ.
ކުރީ އަހަރުތަކުގައި ލޯނަށް އެދި ހުށަހެޅުމަށް އޮންނަ، ދެ ކެޓެގަރީ ނުވަތަ ގިންތި ކަމުގައިވާ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" ގެ ކެޓެގަރީ އާއި "އޮންގޮއިން" ކެޓަގަރީ މިއަހަރު ހިމަނާފައެއް ނުވެ އެވެ. އެހެންކަމުން، ނުބައި ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހެޅުވުމުގެ ސަބަބުން އެޕްލިކޭޝަން ޑިސްކޮލިފައިވުން، ނިމުމަކަށް ގެނެވި، އެޕްލިކޭޝަން ހުށަހެޅުން ފަސޭހަވާނެކަމަށް ބެލެވޭނެ އިންތިޒާމު ވުޒާރާއިން ވަނީ ހަމަޖައްސާފަ އެވެ. އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުން ވެސް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެއް ކެޓަގަރީއަކަށެވެ. ތަފާތުވާނީ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އަލަށް ކިޔަވަން ފަށަން ޤަސްތުކުރާ ދަރިވަރެއް ނަމަ، ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ވާނީ ކިޔަވަން ފަށަން ތައްޔާރުވެފައި ކަމަށާއި އެހެންކަމުން، ލޯނަށް އެދި ހުށަހަޅާއިރު ފުރިހަމަކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް އަދި ފީގެ ތަފްސީލް ހުށަހެޅުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ. މިބަދަލު ގެނެވިފައިވަނީ އެޕްލިކޭޝަން އަވަހަށް ވަޒަންކުރެވި، ފައިސާ ދޫކުރުމުގެ ކަންކަން ނިންމުމަށް އެހެން އަހަރުތަކުގައި ހޭދަވާ ވަގުތަށްވުރެން މާކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ކަމަށް ވުޒާރާއިން ބުނެއ ެވެ.
ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އޮންލައިން ޕޯޓަލް https://kuri.gov.mv މެދުވެރިކޮށް، ހުށަހަޅަންޖެހޭ ހުރިހާ ލިޔުމަކާއެކުގައިކަން ވުޒާރާއިން ހާމަކުރެއެވެ.