ENGLISH
01 އޭޕްރީލު 2026
ހުރިހާ ގޯހެއްގެ މިލްކުވެރިޔަކީ ރައީސް ސޯލިހުގެ ސަރުކާރު: ސައީދު
01 އޭޕްރީލު 2026
|
ވަޒީރު ސައީދު ކެނދިކުޅުދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ވިދާޅުވީ އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި އެތައް ގޯހެއް ހަދާފައިވާކަމަށް. ފޮޓޯ؛ އެމްއެމްޓީވީ
އެންމެ މަޤްބޫލު
ތަކުރާރުކޮށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ ވެރިކަން ހިންގުމުގައި ގޯސް ހަދާފައި އޮތީމަ ކަމަށާއި މި ހުރިހާ ގޯހެއްގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވޭތުވެދިޔަ އެމްޑީޕިގެ ދެ ވެރިކަމުގައި ގައުމަށް ދީފައިހުރި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީލީގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ދިވެހި ރައްޔިތުންގެ އަތުން ބާރުތައް ގެއްލިގެންދާ ފަދަ އެތައް ކަމެއް ކޮށްފައި އެބަހުރި ކަމަށެވެ.
"މިދިޔަ ސަރުކާރުން ކަނޑުގެ ސަރަހައްދު ވިއްކަލީ. މިކަހަލަ ހީލަތްތެރި އެތައް ކަމެއް ކުރި. އަށް ބިލިއަން ރުފިޔާ ޗާޕްކުރި. ރާއްޖޭގައި ރެކޯޑު އަދަދެއްގެ ދަރަނި އެންމެ މީހަކު އެންމެ ދައުރަކުން އުފައްދާފައި ދިޔައީ،". ސައީދު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ކޮށްފައިވާ މިފަދަ ކަންކަމުގެ ވާހަކަ ދެއްކުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވާ ނަމަވެސް އެވާހަކަތައް ތަކުރާރުކޮށް ދައްކަންޖެހެނީ އެތައް ގޯސްތަކެއް ހަދާފައި އޮތުމުންކަމަށް ސައީދު ވިދާޅުވި އެވެ.
"ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު، ހަމަ ގޯސް ހަދާފައި އޮތީމަ ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ. މިހުރިހާ ގޯހެއްގެ މިލްކުވެރި ފަރާތަކީ ހައްގުވެރި ފަރާތަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވާތީ އަޅުގަނޑު މި ވާހަކަ މި ދައްކަނީ،". ސައީދު ވިދާޅުވި އެވެ.
މި ސަރުކާރުން ވައުދު ނުފުއްދާކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ އެމްޑީޕީއަށް ވައުދުވާން އެނގޭ ކަމަށާއި އެހެން ނަމަވެސް ފަސް އަހަރު ނިމިގެންދަނީ އެ ވައުދުތައް ނުފުއްދާ ކަމަށެވެ. އެމްޑީޕީން ވައުދު ފުއްދިނަމަ މަސްވެރިންނަށް ކުރީ ސަރުކާރުގައި ވިއްކި ވައުދުތައް ފުއްދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
އެމްޑީޕީއާ ހިލާފަށް ކޮންގްރެސް ޕާޓީން ދަނީ ވައުދުތައް ފުއްދަމުން ކަމަށާއި ވައުދު ފުއްދުމުގެ އިތުރަށް ރައިސުލްޖުމްހޫރިއްޔާ ދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަމުން ކަމަށް ވަޒީރު ވިދާޅުވި އެވެ.