ENGLISH

01 އޭޕްރީލު 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް "ޝާމިލް ލޯގޯ" ދޫކުރަން ފަށައިފި

01 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ޝާމިލް ލޯގޯ އިފްތިތާޙުކުރުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: އިޖުތިމާޢީ ވުޒާރާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އެފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް 2025 ވަނަ އަހަރު އިފްތިތާޙް ކޮށްފައިވާ "ޝާމިލް ލޯގޯ" މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ. 

ލޯގޯ ދޫކުރަން ފެށިގެން ހާމަކުރީ ބިސީސީއިން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައެވެ. 

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެ ލޯގޯއެކެވެ. މި ލޯގޯ ބޭނުންކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި މި ލޯގޯ ހަރުކުރެވި، އެއީ އެފަދަ ފަރާތަކުން އުފެއްދި އެއްޗެއްކަން މުދާ ގަންނަ ފަރާތްތަކަށް އެނގޭނެއެވެ. އެހެންކަމުން އެ ތަކެތި ބައްލަވައިގަނެގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ ވިޔަފާރިއަށް އެހީތެރިވުމުގެ ފުރުޞަޠު ޢާންމުންނަށް ފަހިވާނެއެވެ. އަދި އެއާއެކު އެ އުފެއްދުން އުފެއްދެވި ނުކުޅެދުންތެރިކަންހުރި ފަރާތަށް ވިޔަފާރީގެ ފައިދާ ލިބި އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި މުޖުތަމަޢުގައި ޝާމިލްވުން އިތުރު ކުރުމުގެ ފުރުޞަޠު މިހާރަށްވުރެ ބޮޑަށް ފަހިވާނެއެވެ.

އުފެއްދުންތަކުގައި މި ލޯގޯ ޖެހުމަށްއެދި ހުށަހެޅުމުގެ ޝަރުޠުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއްކަމުގައިވުމާއި، ހުށަހަޅާ އުފެއްދުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހަކު އަމިއްލައަށް ތައްޔާރުކޮށްފައިވާ އުފެއްދުމަކަށްވުން އަދި ތައްޔާރުކުރެވޭ އުފެއްދުމަކީ ހުއްދައެއް ނަގަންޖެހޭފަދަ އުފެއްދުމެއްކަމުގައިވާނަމަ، މުއްދަތު ހަމަނުވާ ހުއްދައެއް އޮތުމުގެ އިތުރުން އެ އުފެއްދުމަކީ ކެއިން ބުއިމުގެ ބާވަތެއް ކަމުގައިވާނަމަ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ހުއްދަ ހޯދުން ހިމެނެއެވެ.

ޝާމިލް ލޯގޯގެ އެޕްލިކޭޝަން ފޯމު ބީސީސީގެ ވެބްސައިޓު bcc.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމް ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމުން އެޕްލިކޭޝަން ޕްރޮސެސް ކުރެވޭނެކަމަށް ބީސީސީއިން ބުނެފައިވެއެވެ. 

ޝާމިލް ލޯގޯއާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ބީސީސީގެ ނަމްބަރު 3305555 ނުވަތަ ހޮޓްލައިން ނަމްބަރު 7913535 އަށް ގުޅުމުން މަޢުލޫމާތު ލިބޭނެކަމަށް ބީސީސީއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު