ENGLISH

01 އޭޕްރީލު 2026

Advertisement

ރައްޔިތުންނަށް ބޮޑު ލުޔެއް: މިއަދުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދައިން އެމްބިއުލަންސް ހިދުމަތް ލިބޭނެ

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އެމްބިއުލާންސް ހިދުމަތް މިއަދުން ފެށިގެން އާސަންދައިން ފޯރުކޮށްދޭނެ. ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.

އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ނުލިބުމަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތައް އޮތް ކަމެއް ކަމަށް ވިދާޅުވެ މިއަދުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމުގެ އުފާވެރި ހަބަރު ދެއްވީ މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ރައީސް ވިދާޅުވީ ވަކި ހާލަތްތަކެއްގައި އެމްބިއުލާންސް ހިދުމަތް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމީ، އެކަމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ. 

އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ހާލަތްތައް ރައީސްވަނީ އެދުވަހު އިއުލާނުކުރައްވާފަ އެވެ. އެ ހާލަތްތަކަކީ؛ 

- އިމަޖަންސީގައި ބަލިމީހަކު އުފުލާ ހާލަތު

- މައްޔިތަކު އުފުލާ ހާލަތު 

- އެނދުމަތިވެފައިވާ މީހަކު އުފުލާ ހާލަތު 

- ވީލްޗެއާގައި ގެންގުޅޭ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދާ ހާލަތްތައް 

- ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދާ ހާލަތްތައް

- ސިއްހީ މަރުކަޒެއްގައި އެދުމަތިކުރެވިފައިވާ މީހަަކު އެހެން ތަނަކަށް ގެންދަންޖެހޭ ހާލަތްތަކުގައި 

- ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދާ މީހުން ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދާ ހާލަތު 

- ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތު 

މި ހުރިހާ ހާލަތްތަކެއްގައި އެމްބިއުލަންސްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެގޮތަށް ނިންމަވާފައިވަނީ މާލީ ގޮތުންނާއި ތަންފީޒީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ބެއްލެވުމަށްފަހު ކަމަަށެވެ. 

"ދެންމިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭ ގޮތުން ޓެކްނިކަލް ލެވެލްގައި އެކަމުގެ ފައިނޭންޝަލް ނުވަތަ ބަޖެޓަރީ އިމްޕްލިކޭޝަންސް ދެން މިހެން ގޮސް ހުރިހާ ކަމެއް، އޮަޕަރޭޝަނަލް އޭންގަލްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމި ނިންމުމެއް. މިއީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ ލުއިތަކެއް ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑު ޔަގީންކުރަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބޭނޭ،" ރައީސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރިން އާސަންދަ ހަމަނުޖެހޭ ވަރަށް ގިނަ ކަންކަމަށް އާސަންދަ ހަމަޖައްސަވައި، ސިއްހީ ރައްކާތެރިކަމުގެ ނިޒާމު ފުޅާކުރައްވާފައި ވެއެވެ. އެގޮތުން އައިވީއެފް ފަރުވާ ފަދަ ކަންކަަމަށް އާސަންދަ ހަމަޖެހޭނެ ގޮތަށް އުސޫލުތައް ބަދަލުކުރައްވާފައި ވެއެވެ.

މިއަދުން ފެށިގެން އެމްބިއުލާންސްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭ ގޮތް ހަދައި އެކަމުގެ ގަވާއިދު އިސްލާހުކޮށް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު