ENGLISH
01 އޭޕްރީލު 2026
މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުގެ ތާއީދު މޫސާ އަލީ ޖަލީލަށް
01 އޭޕްރީލު 2026
|
ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިޔަފާރިތަކާ ބައްދަލުކުރެއްވުން. ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ޕްލޭނެއް އޮތް ކަމަށް ޖަލީލް ވިދާޅުވި. ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސް ކޮށްފި އެެވެ.
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު ވަނީ މޫސާ ޢަލީ ޖަލީލާއި އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން އޮތީ މާލޭ، މަންހަޓަން ރެސްޓޯރަންޓުގަ އެވެ.
މި ބައްދަލުވުމުގައި ވިޔަފާރިތަކުން ވަނީ، މާލެ ސަރަހައްްދުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްފަ އެވެ. އެގޮތުން ވިޔަފާރިތަކުން ފާހަގަކުރި ގޮންޖެހުންތަކުގެ ތެރޭގައި ޕާކު ކުރުމާއި މުދާ ގުދަން ކުރުމަށް ދިމާވަމުންދާ ގޮންޖެހުންތައް ވަނީ ފާހަގަކޮށްފަ އެވެ.
ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިޔަފާރިތަކާ ބައްދަލުކުރެއްވުން. ފޮޓޯ؛އެމްއެމްޓީވީ
މި ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލު ގެނެސްދެވޭނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަން ފާހަގަ ކުރެއްވި އެވެ.
ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް އެކަށޭނެ ހައްލެއް ހޯދައި ދިނުމަށް މުހިންމު ޕްލޭންތަކެއް ރާވާފައިވާކަން ފާހަގަކުރައްވައި ވިޔަފާރީގައި ޙަރަކާތްތެރިވާ އަދި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ޕްލޭންތަކެއް ރާވާފައިވާކަން އެމަނިކުފާނުު ފާހަގަކުރެއްވި އެވެ.
ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިޔަފާރިތަކާ ބައްދަލުކުރެއްވުން. ފޮޓޯ؛އެމްއެމްޓީވީ
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވިޔަފާރިތަކަށް ދެއްވަމުން ނެވެ.
ވިޔަފާރިތަކުން ވަނީ، މާލެ ސަރަޙައްދުގައި ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދުމަށް މިހާރު ދިމާވާ ދަތިތައް ހައްލު ކުރެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް އޮވެގެން ކަން ފާހަގަ ކޮށްފަ އެވެ.