ENGLISH
03 އޭޕްރީލު 2026
ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި
01 އޭޕްރީލު 2026
|
ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު. ފޮޓޯ؛ މިފްކޯ
އެންމެ މަޤްބޫލު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި "އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ" ހުޅުވައިފި އެވެ.
އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވީ އެކަމަށްޓަކައި ހުޅުމީދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިތަން ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އައްޑޫ ހުޅުމީދޫގައި މިފްކޯއިން ހުޅުވި މި ސެންޓަރަކީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެެކަމަށާއި މިގޮތުން އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް މިފްކޯއިން ބުނެ އެވެ.
މިފްކޯއިން ބުނީ އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ މެތަޑް ކަމަސެވެ. މިގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެކަމަށް ކުންފުނިން މައުލޫމާތުދެއެވެ. މީގެ އިތުރަށް މިފްކޯއިން ވަނީ ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.