ENGLISH
01 އޭޕްރީލު 2026
އިންތިހާބާ ގުޅުވައި ފުލުހުންގެ މުސާރަ ބޮޑުކުރި ވާހަކަ ދޮގުކޮށްފި
01 އޭޕްރީލު 2026
|
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ؛ރައީސް އޮފީސް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅުވައި ފުލުހުންގެ މުސާރަ ބޮޑުކުރި ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.
ކައުންސިލް އިންތިހާބާއި ގުޅުވައިގެން ފުލުހުންގެ މުސާރަ ބޮޑުކުރި ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން މުހައްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ މި އަހަރުގެ މާރިޗު އެއް ވަނަ ދުވަހަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"މި އެލަވަންސަކީ، ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ". ޝިފާންގެ ޕޯސްޓުގައި ވެއެވެ.
ޝިފާން އިތުރަށް ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެކު ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑު ކުރީ 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެންނެވެ.