ENGLISH
26 ނޮވެމްބަރު 2024
ބަންގްލަދޭޝް އިން ރާއްޖެމަގުން އެހެން ގައުމުތަކަށް އަންނައުނު ބޭރުކުރަން ފަށައިފި
03 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
އިންޑިއާ މަގުން އަންނައުނު އެކްސްޕޯޓުކުރުން ހުއްޓާލައި ސީދާ ރާއްޖެ މަގުން އެހެން ގައުމުތަކަށް އަންނައުނު އެކްސްޕޯޓްކުރުމަށް ބަންގްލަދޭޝްއިން ނިންމައިފިއެވެ.
ބަންގްލަދޭޝްއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަންނައުނު އުފައްދާ ގައުމެވެ. ސީދާ ރާއްޖެ އަށް އަންނައުނު އެތެރެކުރަން ބަންގްލަދޭޝް އިން ނިންމީ އިންޑިއާ މަގުން އެތެރެކުރާ ނަމަ، ލިބޭ އާމްދަނީ ކުޑަވުމާ ގުޅިގެންނެވެ.
"ކުރިން އިންޑިއާގެ އެއާޕޯޓްތައް މެދުވެރިކޮށް ބަންގްލަދޭޝްގެ މުދާ ފޮނުވަމުން ދިޔަ ނަމަވެސް މިހާރު އެމީހުން ގެންދަނީ އެހެން ތަންތަނުން ޝިޕްމަންޓްތައް ރީރޫޓް ކުރަމުން. މި ބަދަލުގެ މާނައަކީ އިންޑިއާގެ އެއާޕޯޓްތަކާއި ބަނދަރުތަކަށް ކުރިން މި ކާގޯތައް ބެލެހެއްޓުމުން ލިބުނު އާމްދަނީ ގެއްލުން،" މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) އެޖެންސީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ދީޕަކް ޓިވާރީ ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރު ޝިޕިން ކުންފުނި ކަމުގައިވާ އެމްއެސްސީއިން ނިންމާފައިވަނީ، ކަނޑު މަގުން އަންނައުނު ރާއްޖެ ގެނައުމަށްފަހު، އެއާކާގޯ މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމަށެވެ. އޭގެ ތެރޭގައި ޒާރާ އާއި އެޗް އެންޑް އެމް ބްރޭންޑްގެ އަންނައުނު ވެސް ހިމެނެއެވެ.
ބަންގްލަދޭޝްގެ ކުންފުނިތަކުން މި މަގު އިހްތިޔާރު ކުރަން ފެށުމަކީ އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް ހީނަރުކަމެއް އައިސް، އިންޑިއާގެ އެހީގައި ބަންގްލަދޭޝްގައި ކުރިއަށްދާ މަޝްރޫއުތައް މަޑުޖެހިގެންދާނެ ކަމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހަމައެއާއެކު އިންޑިއާގެ ބަނދަރުންނާއި ޓްރާންސިޓް ފީން ލިބޭ އާމްދަނީ ދަށަށް ދާނެކަމަށް ބެލެވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ އިން ބަންގްލަދޭޝްއާ ވާހަކަ ދައްކައިގެން މިކަން ހައްލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ފޯރުކޮށްދެމުން ދާއިރު، އެ ހިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނައުމަށް ފަހު އެއާކާގޯ މެދުވެރިކޮށް ދުނިޔޭގެ މަންޒިލްތަކަށް ގެންދެވޭނެ މަގެކެވެ.