ENGLISH

31 މާރިޗު 2026

Advertisement

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފި

31 މާރިޗު 2026

|

އައިމިނަތު ޝަފާ

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވުމަށް ބޭއްވި ހަފްލާގައި އެންސްޕާގެ ސީއީއޯ ހީނާ ބައިވެރިވެވަޑައިގަންނަވަނީ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ޚިދުމަތްތައް އައްޑޫ ސިޓީގައި އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމުގެ މަގުސަދުގައި، އެ ދެ މުއައްސަސާގެ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވުމަށްޓަކައި ހިތަދޫގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއާއި، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި، ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އާސަންދަ ކުންފުނިން ބުނީ މި އޮފީސް ހުޅުވިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް މި އޮފީހާއެކު އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެ އެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ރައްޔިތަކު ދިރިއުޅޭ ރަށަކުން ނުވަތަ ސަރަހައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް އެކަނި މަރުކަޒުވެފައިވާ ޚިދުމަތްތައް ރަށްރަށަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

" ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަދުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް. މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ." މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި އޮފީސް ހުޅުވުމާއެކު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއަށް އާސަންދަ ހޯދުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެހީތަކަށް އެދި ހުށަހެޅުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފުޅާކުރި މި ޚިދުމަތުގެ ސަބަބުން، އެންސްޕާ އަދި އާސަންދައާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމާއި، އެކަންކަމުގައި ޖަވާބެއް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އަވަސްވެ، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް ސަރުކާރުން އުއްމީދުކުރެ އެވެ. 

ކިޔުންތެރިންގެ ހިޔާލު