ENGLISH

31 މާރިޗު 2026

Advertisement

އެމްޑީޕީގެ ކައުންސިލްތަކުގެ ސަބަބުން ތަރިކައާ ބެހޭ މަޝްރޫއުތައް ނުހިންގި އަހަރު ދުވަސްވެއްޖެ

31 މާރިޗު 2026

|

އައިމިނަތު ޝަފާ

ވަޒީރު އާދަމް ނަޞީރު.

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ސަރުކާރަށް ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އަތޮޅުތެރޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ނުހިންގި އަހަރެއްހާ ދުވަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ވަޒީރު އާދަމް ނަޞީރު ފާޅުކުރައްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ގަލޮޅު ދެކުނު ދާއިރާގައި އިއްޔެ ކުރިއަށްގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އަތޮޅުތެރޭގައި މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކަރުން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ. 

ނަމަވެސް މި މަޝްރޫއުތައް ހިންގުމަށް ވުޒާރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލުތަކުގެ އެއްބާރުލުން ނުލިބުންކަމަށް ވަޒީރު ވިދާޅުވި އެވެ. 

"ކައުންސިލުތަކުގެ އެއްބާރުލުން ނުލިބުނީމަ އެބަހުރި ދަތިތައް ފޯރާފައި. އެއް ރަށަށްވުރެ ގިނަ ރަށްރަށުން ފާހަގަވާ މައްސަލައެއް މިއީ. ބިން ނުދެއްވައިގެން ނުވަތަ ބިން ދެއްވުން ލަސްކުރައްވައިގެން މި މަސައްކަތްތައް ނުފެށިފައި. އަދި  ބައެއް ރަށްރަށުގައި އެބަހުރި މަސައްކަތް ފެށިފަހުން ކައުންސިލުގެ ހިޔާލު ތަފާތުވެގެން މުޅި ޕްލޭނަށް ބަދަލުގެންނަން ޖެހިފައިވެސް،" ވަޒީރު ވިދާޅުވި އެވެ. 

އިތުރަށް ވަޒީރު ވިދާޅުވި ތަރިކައާ ބެހޭ މަޝްރޫއުތައް ނުހިންގި އަހަރެއްހާ ދުވަސް ފާއިތުވެފައިވާ ކަމަށެވެ.

"ބައެއް މަޝްރޫތަކަށް ބިން ނުލިބިގެން މިހާރު އެ ފާއިތުވީ އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަސް. ހަމަގައިމުވެސް އަހަރު ދުވަސް ވެއްޖެ. އެއީ ބިމުގެ މައްސަލަ ހައްލު ނުވެގެން،" މަޝްރޫއުތައް ލަސްވެ ދިގުދެމިގެންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވި އެވެ.

ހުއްޓިފައިވާ މަޝްރޫއުތަކަކީ ރައީސްގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ވަޒީރު ފާހަގަކުރެއްވި އެވެ. 

ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރަށް ނުލިބުމަކީ އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެކަމެއްކަން ފާހަގަކުރައްވައި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރާނެ ބަޔަކު ކައުންސިލްތަކަށް ހޮވައިދިނުމަށް ވަޒީރު ވަނީ ގޮވާލައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު