ENGLISH

31 މާރިޗު 2026

Advertisement

ދެ އިންތިހާބުގެ ރެފަރެންޑަމަށް އެމްޑީޕީން ދެކޮޅު ހަދަނީ ސިޔާސީ ޕްރެޝަރާ ހެދި: އިގްބާލް

31 މާރިޗު 2026

|

އައިމިނަތު ޝަފާ

ރިޔާސީ ގަނޑުވަރުގެ ވަޒީރު އިގްބާލު އާދަމް. --ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ ހޮނިހިރުދުވަހު ނަގާ ވޯޓަށް އިދިކޮޅު އެމްޑީޕީންގެ ލީޑަރޝިޕުން ދެކޮޅު ހަދަނީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލު އާދަމް ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ގަލޮޅު ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ޚާއްޞަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އިގްބާލް ވިދާޅުވީ، ސިޔާސީ މައިދާނުގައި މަސައްކަތް ކުރި ނަމަވެސް ކޮންމެ މީހަކު ވެސް ވާންވާނީ ގައުމަށް ވަފާތެރި އިހުލާސްތެރި މީހަކަށް ކަމަށެވެ. ކޮންމެ ވިސްނުމެއްގައި ވިސްނި ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގައުމަށް ލިބިގެންދާނީ ފައިދާކަން އިގްބާލް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ކުރީގެ ރައީސުން ވެސް ދެ އިންތިހާބު ކީއްކުރަން ތިން އިންތިހާބު އެކީގައި ބާއްވަން ތާއީދުކުރައްވާފައި ވަނީ. ހަގީގަތަކީ ވެސް އެއީ. އެހެންނަމަވެސް މިފަހުން މިކަމަށް އޮތް ތާއީދު އަނބުރައި ގެންދަވައިފި. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކޮންމެހެން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެބޭފުޅުން ތާއީދު ނުކުރައްވާތީކީ ނޫން ކަންނޭގެ. ކޮންމެވެސް އެހެން ކަހަލަ ޕްރެޝަރަކާ ހެދި އެ އުޅެނީ. ހަގީގަތުގައި އެބޭފުޅުންވެސް ތާއީދުކުރައްވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން". އިގްބާލު ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ދެ ރައީސުންކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްްރާހީމް މުހައްމަދު ސާލިހު ދެކޮޅު ހެއްދެވުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް ވެސް އިގްބާލު ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ވަގުތުގެ ގޮތުންނާއި، ސުލްހަމަސަލަސް ކަމާއި އަމާންކަމުގެ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ވެސް އެތަކެއް ފައިދާތަކެއް ލިބިގެންދާނެކަމެއް ކަން އިގްބާލު ފާހަގަކުރެއްވި އެވެ. 

އިގްބާލް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގައުމަށް ހެޔޮ އެދޭ ގައުމީ ވިސްނުމުގެ ތިއްބެވި އެންމެވެސް ތާއީދުކުރައްވާނެ ކަމަށެވެ. އަދި މިކަމަކީ ގައުމަށް ނުހަނު ބޭނުނަތެރިކަމެއްގެ ގޮތުގައި އިގްބާލު ތަކުރާރުކޮށް ސިފަކުރެއްވި އެވެ. 

ކިޔުންތެރިންގެ ހިޔާލު