ENGLISH

31 މާރިޗު 2026

Advertisement

ކައުންސިލަށް މިލިއަނުން އާމްދަނީ ލިބޭއިރު، އަސާސީ ކަންކަން ނުވެ އޮތުމަކީ ހިތާމަހުރި ކަމެއް: މުޝްރިފް

31 މާރިޗު 2026

|

އައިމިނަތު ޝަފާ

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ. ފޮޓޯ؛ ޕީއެންސީ

އައްޑޫ ސިޓީ ކައުންސިލަށް އެތައް މިލިއަން ރުފިޔާއެއްގެ އާމްދަނީއެއް ލިބޭއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ނުވެ އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށް އެ ސިޓީގެ މޭޔަރު ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ. 

މުޝްރިފް ވަނީ އެ ސިޓީގެ ގާޑިޔާ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށާއި، އައްޑޫގެ ކުދި ވިޔަފާރި ތަކާއި ވިޔަފާރީގެ ފުރުސަތު ބޭނުންވާ ޒުވާނުންނަށް އެ ޒުވާނުން ބޭނުންވާ ދާއިރާ ތަކުން ކުރިޔަށް ދެވޭނެ މަގު ފަހި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މުޝްރިފް ވިދާޅުވީ، މިހާރު އައްޑޫގެ ގާޑިޔާތައް ހިންގަމުންދަނީ ވަގުތީ ބިންތަކެއްގައި ކަމަށާއި، އޭނާގެ އަމާޒަކީ އެ ތަންތަނަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީ ކުރެވިފައިވާ ދާއިމީ ތަންތަނަށް ހެދުން ކަމަށެވެ. މިގޮތުން، ޒުވާނުންނަށާއި އައްޑޫގެ ރައްޔިތުންނަށް ރޭގަނޑުގެ ފިނި ވަގުތުތަކުގައި ހިތްހަމަޖައްސާލައި، ދިވެހި ކާބޯތަކެއްޗާއި ތަފާތު ރަހަތައް ތަޖުރިބާކޮށްލެވޭނެ މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސަގާފީ ކުޅިވަރުތަކާއި ދިވެހި މިއުޒިކް ތަޖުރިބާ ކުރެވޭނެ އިންތިޒާމުތަކުގެ ބަދަލުގައި، އައްޑޫ ވަންތަ ބާބަކިއު އާއި ޕާޓީތައް ބޭއްވޭނެ ފަދަ މަރުކަޒުތަކެއްގެ ގޮތުގައި މި ތަންތަން ތަރައްޤީ ކުރަން ފުރުސަތު ދޭނެ ކަމަށް މުޝްރިފް ފާހަގަކުރެއްވި އެވެ. މި މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކައުންސިލްގެ މާލިއްޔާއިންނާއި އެހެނިހެން ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"ދަ ގްރޭޓަރ އައްޑޫ" ވިސްނުމުގެ ދަށުން، އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މިފަދަ ގާޑިޔާ ނުވަތަ ކިއޮސްކްތަކުން ލިބޭ ޚިދުމަތްތަކާއި ކާބޯތަކެތީގެ މައުލޫމާތު ފަސޭހައިން ފެންނާނެ އިންތިޒާމުތައް ހަމަޖައްސައި، އެ ތަންތަނަށް ދަތުރުފަތުރު ކުރުން ފަސޭހަ ކުރާނެ ކަމަށް ވެސް މުޝްރިފް ވިދާޅުވި އެވެ.

މުޝްރިފް އިތުރަށް ވިދާޅުވީ، ކައުންސިލަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، މިފަދަ އަސާސީ ކަންކަން ފުރިހަމަ ނުވެ އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"އައްޑޫ ސިޓީ ފެންނަން ޖެހެނީ މިހާ ނިކަމެތިކޮށެއް ނޫން. މި ސިޓީ ވާންޖެހޭނީ ޒަމާނީ ތަރައްޤީ ލިބިފައިވާ، ވަސީލަތްތައް ގިނަ، ރާއްޖޭގެ އެންމެ ތަރައްޤީވެފައިވާ ތަނަށް." އޭނާ ވިދާޅުވިއެވެ.

އެއްވެސް ވިޝަނެއް ނެތި އައްޑޫ ނިކަމެތިކޮށް ބޭއްވޭކަށް ނެތް ކަމަށާއި، ރައްޔިތުން ތިބީ ހަގީގީ ބަދަލަކަށް ކެތްމަދުވެފައި ކަމަށް މުޝްރިފް ވިދާޅުވި އެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އައްޑޫގެ ރައްޔިތުން ބަދަލަކަށް ވޯޓު ދީ، އޭނާ ހޮވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވެސް މުޝްރިފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު