ENGLISH
31 މާރިޗު 2026
ރާއްޖޭގެ ސިޔާސީ މައިދާނަށް ހަމަޖެހުން ގެނައުމަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަންޖެހޭ: މަތީން
31 މާރިޗު 2026
|
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު -- ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ގާއިމުކުރެވުނު ހިސާބުން ރާއްޖޭގެ ސިޔާސީ މައިދާނުން ހަމަޖެހުން ފެނިފައިނުވާކަމަށާއި، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ 'އާނއެކޭ' ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އޭޕްރިލް 4 ވަނަ ދުވަހު ނަގާ ރިފަރަންޑަމް ވޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މަތީން ވިދާޅުވީ ރާއްޖެއިން މިއަދު އަމަލުކުރަމުންމިދާ ފެހި ގާނޫނު އަސާސީއަށް ބަލާއިރު، އޭރު ރައްޔިތުން ނިކުމެ ދައުލަތުގެ ހިންގުމަށް ގެނައި ނަތީޖާއަކީ ކޮބައިތޯ ބަލަންޖެހޭކަމަށެވެ. އެގޮތަށް ކުރިއަށް ދާންވީތޯ ނޫނީ ބަދަލުތަކެއް ގެންނަން ޖެހޭތޯ ވިސްނާލާއިރު، ހަގީގަތުގައި ފެހި ގާނޫނު އަސާސީގެ ސަބަބުން ރާއްޖެއަށް އަންނަންޖެހޭ ހެޔޮ ބަދަލު އައިސްފައިވާކަމަށް ގަބޫލުކުރަނީ މަދު ބައެއް ކަމަށާއި، އެހެންކަމަށްވާނަމަ އަނެއްކާވެސް އިސްލާހީ ބަދަލެއް ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް މަތީން ވިދާޅުވިއެވެ.
ގާނޫނު އަސާސީއަކީ އެބައެއްގެ ތަޖުރިބާގެ މައްޗަށް ބަލާފައި ލިޔާ އެއްޗެއް ކަމަށާއި، އެހެންކަމުން މުސްތަގުބަލުގެ ހެވާ ލާބައަށްޓަކާ ދައުލަރް ތަރުތީބުކޮށް ބައްޓަންކުރެވިފައިވާގޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް. އެހެންކަމުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަހުސްތައް ކުރިއަށްދާއިރު، މިއީ އަންނަންޖެހޭ ބަދަލެއްކަން އެންމެންވެސް ގަބޫލުކުރާކަން ޔަގީންވާކަމަށް އޭނާ ވިދާޅުވިއެވެ.
މަތީނު އިތުރަށް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އާނއެކޭ ބުނަންޖެހޭ ސަބަބުތައް ވިދާޅުވެދެއްވާދައެވެ. އެގޮތުން މަތީނު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ގާއިމުކުރެވުނު ހިސާބުން ރާއްޖޭގެ ސިޔާސީ މައިދާނަށް ހަމަޖެހުން އައިސްފައިނުވާކަމަށާއި، އިންތިޚާބުތަކަށް ކުރާ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ދަރަނިވެރިކަމެއްގެ ތެރެއަށް ދައުލަތް ވަދެގެން ދިޔަތަން ފެނިގެންގޮސްފައިވާކަމަށެވެ. އެހެންކަމުން އަނެއްކާވެސް މިކަމަށް ބަދަލެއް ނުގެނެސް ދޫކޮށްލަންވީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
"ސުވާލަކީ މި ދަރަނިވެރިކަމުގެ ތެރޭގައި ދައުލަތަށް ކުރިއަށްދެވޭނީ ކިހާ ދުވަހަކު ހެއްޔޭ. ނުވަތަ މި ދަރަނިވެރިކަމުގެ ތެރޭގައި މިހާރު މިއޮތް އުސޫލުގެ ތެރެއިން ކުރިއަށްދާން ދޫކޮށްލަންވީހޭ. ނޫން. އަޅުގަނޑުމެން ޖެހޭ އަނެއްކާވެސް އިސްލާހީ ބަދަލުތަކެއް ގެންނަން. 2008 ގައި އެ އައި ބަދަލު އެވެސް އިސްލާހީ މަސައްކަތްތަކެއްގެ ތެރެއިން އައި ބަދަލެއް. އެހެންވީމަ އިސްލާހީ ހުރިހާ ބަދަލުތަކަކީ ހަމައެކަނި މަގުމައްޗަށް ނިކުމެ މުޒާހަރާ ކޮށްގެން ގެންނަ ބަދަލުތަކެއް ނޫން. އޭރުވެސް އިސްލާހީ ބަދަލުތަކެއް ގެންނަން ބޭނުންފުޅުވީމަ ހަމަ ރައީސް މައުމޫން ނިކުމެވަޑައިގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަސައްކަތް ފެއްޓެވީ. " - އަބްދުލް މަތީން މުހައްމަދު
މަތީން އިތުރަށް ވަނީ މި ގެނެވޭ ބަދަލާއިއވެރިކަން ކުރުމާވެސް ވަރަށް ބޮޑެތި ގުޅުންތަކެއް ހުރި ކަން ފާހަގަކުރައްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް ހައްލު ގެނެސްދޭ ކަމަށާއި، އަދި ތަރައްގީގެ މަސައްކަތްތައް ކުރުމާއި، ހަމަޖެހިގެން ވެރިކަން ކުރުމަށްވެސް ފަހިވެގެންދާކަމަށް. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އޭރު އިދިކޮޅުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ރައީސްއަށް ގިނަ ގޮންޖެހުތަކެއް ކުރިމަތިކުރުވިކަމަށާއި، މިއީ އެއް ދުވަހެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބޭއްވުމުން ހައްލުވާނެ ކަމެއް ކަމަށް މަތީން ވިދާޅުވިއެވެ.
"މިފަހަރުވެސް ހަމަ ކިރިޔާ އެ ސަލާމަތްވީ، ނޯ ކޮންފިޑެންސް ވޯޓު ނަގަން މަސައްކަތްކޮށް މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތްކުރި އެކަހަލަ ކިތައް ކަމެއް. ސުވާލަކީ އަޅުގަނޑުމެންނަށް އެފޯޑު ކުރެވޭ ހެއްޔޭ އަބަދާއި އަބަދު އެ ހަމަނުޖެހުމުހެ ތެރޭގައި ރާއްޖެ ގެންދަން." - އަބްދުލް މަތީން މުހައްމަދު
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއެކު ރިފަރަންޑަމް ވޯޓެއް ނަގަން ސަރުކާރުން ނިންމާފައިވާއިރު އިދިކޮޅުން ދަނީ މިކަމަށް ނޫނެކޭ ބުނުމަށް ގޮވާލަމުންނެވެ. އެހެންނަމަވެސް މިއީ ރާއްޖެއަށް ގެންނަންޖެހޭ ބަދަލެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ތަކުރާރުކުރައްވާފައެވެ.