ENGLISH

30 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރުގެ މުތުލަގު ބާރު ނޯންނަ މަޖިލީހެއް އިންތިހާބުވާނެ: ދިޔާނާ

30 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރަށް މުތުލަގު ބާރު ނޯންނަ ރައްޔިތުންގެ މަޖިލީހެއް އިންތިހާބުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. 

ދިޔާނާ މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "އިސްލާހު-އަށެއް" ޕްރޮގުރާމުގައި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މިހާރު އިންތިހާބުތައް ބާއްވާ ގޮތުން ސަރުކާރުތަކަށް މަޖިލީހުގެ މުތުލަގު ބާރު ލިބެމުންދާކަން ފާހަގަކުރައްވަމުންނެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ތަންފީޒުކުރަން ހަގީގީ މާނާގައި ފެށުނުފަހުން ބޭއްވި ހުރިހާ މަޖިލީހުގެ އިންތިހާބުތަކެއް ސަރުކާރުތަކަށް ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުވުމުގެ ސިއްރަކީ ދެ އިންތިހާބުގެ މެދުގައި މުހުލަތެއް އޮވެފައި، އެ މުއްދަތުގައި ސަރުކާރުތަކުގެ ބާރާއި ވަސީލަތްތައް މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންކުރުމެވެ. 

ވެސްޓްމިންސްޓާ ފައުންޑޭޝަނުން ތައްޔާރުކުރި "ދަ ކޯސްޓް އޮފް ޕޮލިޓިކްސް އިން މޯލްޑިވްސް" ދިރާސާ ކަރުދާހާ ހަވާލާދެއްވައި ދިޔާނާ ވިދާޅުވީ އެ ދިރާސާއިންވެސް މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ނުފޫޒު އޮންނަ މިންވަރު އެނގިގެން ގޮސްފައިވާ ކަމަށެވެ. 

"އެހެންވީމާ ސަރުކާރެއް އޮވެފައި، އޭގައި މުއްދަތެއް އޮވެފައި ދެން އަޅުގަނޑުމެން ޕާލިމަންޓަރީ އިންތިހާބަށް ދާއިރުގައި ވާގޮތަކީ ސަރުކާރު ހަމަނިކުންނާނެ، އަޅުގަނޑު ވެރިކަމުގައި ހުއްޓަސް، ސަރުކާރު ނިކުންނާނެ ފުލް ޕަވާގައި މެޖޯރިޓީ ނަންގަވަން. އެހެންވީމާ ވާގޮތަކީ އެ ނުފޫޒަށް ލެނބޭނެ އިނގޭތޯ.،" ދިޔާނާ ވިދާޅުވިއެވެ. 

ސަރުކާރުން ފޯރުވާ ނުފޫޒާއި، ސަރުކާރަށް އަޣުލަބިއްޔަތު ލިބިގެންނޫނީ ދާއިރާތަކަށް ކަންކަން ނުވާނެ ކަމުގައި ދެކޭ ދެކުމާ އެކުވުމުން ސަރުކާރުތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންދާކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން ސަރުކާރަށް އަންނާނީ ކޮން ބައެއްކަން ނޭނގޭތީ އެގޮތަށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އޮންނަ ފުރުސަތު ކުޑަވާނެ ކަމަށެވެ. 

"ސަރުކާރު ކެންޑިޑޭޓުންނެއް ނުތިބޭނެ އެދުވަހަކުއެއް އިނގޭތޯ. އެއީ ނިމޭ ސަރުކާރެއް. އަޅުގަނޑުމެންގެ ސްޓެޓިކްސް ދައްކަނީ އެއްވެސް ސަރުކާރަކަށް އެހާ މުތުލަގުކޮށް ލިބިފައި ނެތޭ ނަންބަރުތަކެއް،" ދިޔާނާ ވިދާޅުވިއެވެ. 

ދިޔާނާ ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ޕާޓީތައް ވާދަކުރާ ހާލަތުގައި ރައްޔިތުންގެ ތާއީދު ބެހިގެންދަނީ ވަރަށް ބޮޑަށް ހަމަހަމަ ގޮތެއްގައި ކަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ވޯޓު ބެހިގެންދާ ގޮތް މަޖިލިސް އެކުލެވިގެން އަންނަ ގޮތުންވެސް ރިވެލިވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު