ENGLISH

30 މާރިޗު 2026

Advertisement

ކުނި މެނޭޖުކުރުމަށް ވަށާޖެހޭ ނިޒާމެއް ގާއިމުކުރުން؛ 82 ރަށަކަށް އިކުއިޕްމެންޓު ފޯރުކޮށްދެވިއްޖެ

30 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމަކީ ވަށާޖެހޭ ނިޒާމެއްކަމަށް ހެދުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 82 ރަށަކަށް ކުނި މެނޭޖުކުރަން ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދެވިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަަކީ ވަށާޖެހޭ ގޮތަށް ކުނި މެނޭޖުކުރެވޭނެ ނިޒާމެއް ގާއިމުކުރެއްވުން ކަމަށެވެ. އެގޮތުން ކުނި މެނޭޖުކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ކުނި އުފެދޭ ހިސާބުން ފެށިގެން އެ ނައްތައިލުމާ ހަމައަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ މަރުހަލާއަކަށްވެސް އެންމެ ބޮޑަށް ބޭނުންވަނީ އިންވެސްޓުކުރުމެވެ. އެހެންކަމުން އެ ހުރިހާ މަރުހަލާއެއްގަައި ކުނި މެނޭޖުކުރުމަށް ބޭނުންވާނޭ ވަސީލަތްތައް ގާއިމުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

"ކުނި އުފެދޭ ހިސާބުން އެ ފައިނަލް ޑިސްޕޯޒަލްއާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. މިހުރިހާ މަރުހަލާއަކަށް ބޭނުންވާ އިންވެސްޓުމެންޓު ހޯދަމުންމިދަނީ. އަޅުގަނޑު ދެންނެވިހެން ކުނި މެނޭޖުކުރުމުގެ ހުރިހާ މަރުހަލާއަކަށް ބޭނުންވާ ކެޕޭސިޓީ ބިލްޑުކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް،" ތޯރިގު ވިދާޅުވިއެވެ. 

ކުނީގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް މި ސަރުކާރުން "މަގޭ ސާފު ރާއްޖެ" ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށާފައިވާކަން ތޯރިގު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެ ޕްރޮގުރާމުގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވަށާޖެހޭ ގޮތަށް ކުނި މެނޭޖުކުރުމަށް ބޭނުންވާނޭ ހުރިހާ ވަސީލަތްތައް ގާއިމުކުރުން ކަމަށެވެ. އެކަމަށްޓަކައި މީހުން ބިނާކުރުމާއި ހޭލުންތެރިކަން އިތުުރުކުރުމާއި ތަމްރީނު ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭ ކަމުގައި ވިދާޅުވިއެވެ. 

މި ސަރުކާރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 20 ރަށެއްގައި ކުނި މެނޭޖުކުރާ ނިޒާމު ގާއިމުކޮށް ކައުންސިލުތަކާ ހަވާލުކޮށްފައިވެއެވެ. އަދި 58 ރަށެއްގައި ކުނި މެނޭޖުކުރާ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައިވެއެވެ. އަދި 88 ރަށެއްގައި ކުރިން ގާއިމުކޮށްފައިހުރި ކުނި މެނޭޖުކުރާ ނިޒާމުތައް އަދާހަމަކުރުމުގެ މަސައްކަތްވެސްވަަނީ ހަވާލުކޮށްފައެވެ. 

"ދެން އަޅުގަނޑު މީގައި ފާހަގަކޮށްލަން ވަރަށް ގިނަ ރަށްރަށުގައި މަސައްކަތްކުރިއަށްދާއިރު ބައެއް ރަށްރަށުގައި ވަރަށް ގިނަ ދަތިތަކާ ދިމާވޭ. ހާއްސަކޮށްް ބައެއް ރަށްރަށުގައި ކައުންސިލުތަކުން ލިބެންޖެހޭ އެއްބާރުން ނުލިބިގެން މަސައްކަތްކުރުމަށް އޮންނަނީ ވަރަށް ދަތިވެފައި. އަޅުގަނޑު ގޮވައިލަން ހުރިހާ ކައުންސިލަކަަށްވެސް ރައްޔިތުންނަށް ބޭނުންވާ މިކަހަލަ މުހިއްމު ކަންކަމުގައި އެއްބާރުލުންދީގެން މަސައްކަތްކުރަން،" ތޯރިގު ވިދާޅުވިއެވެ. 

ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 82 ރަށަކަށް ކުނި މެނޭޖުކުރާ އިކުއިޕްމެންޓު ފޯރުކޮށްދީފައިވެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ބެއިލާއާއި ބޮޓްލް ކްރަޝާއާއި ކުނި އުފުލައި ގެންގުޅެން ބޭނުންވާ ސާމާނުތައް ހިމެނެއެވެ. 

އޭގެ އިތުރަށް ކާދު ހެދުމަށް ބޭނުންކުރާ މެޝިންތައް ހަ ރަށަކަށް ފޯރުކޮށްދީ އެ ޓެކްނޮލޮޖީ އެ ރަށްތަކުގައިވަނީ ބަހައްޓާފައެވެ. 99 ރަށަކަށް ކުނި އުފުލުމަށް ބޭނުންވާ ވެހިކަލުތައް ފޯރުކޮށްދީފައިވާއިރު، ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަކޮށް ބާޖެއް ފަރުމާކޮށްގެން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަަން ވަޒީރު ހާމަކުރެއްވިއެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރަށްތަކުން އެންމެ ގިނައިން ކުރި އެއް ޝަކުވާއަކީ ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމެވެ. އެކަމުގެ ސަަބަބުން އެމަނިކުފާނުވަނީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކޮށްދެއްވާނެކަން އިއުލާނުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު