ENGLISH

30 މާރިޗު 2026

Advertisement

އުނދަގޫ ޙާލަތަކަށް ދިއަޔަސް ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށްގެންދާނަން: ރައީސް

30 މާރިޗު 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެ އުނދަގޫ ޙާލަތަކަށް ގޮސް މަޝްރޫޢުތައް ހުއްޓާލަން ޖެހުނަސް، ބޯހިޔާވަހިކަމާއި ޞިއްޙި ދާއިރާގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމައިގެ ކަންކަން ކޮންމެ ދުވަހަކު ވަރަށް ގާތުން ބައްލަވަމުންގެންދަވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދަތިތަކެއް ދިމާވާ ހިސާބަށް ދާވަރަކަށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

"މަޝްރޫޢުތައް ހުއްޓާލަން ޖެހޭ ހިސާބުން އަޅުގަނޑުމެން ޕްރިއޮރަޓައިޒް މި ކުރަނީ ހައުސިންއާ ހެލްތު ސެކްޓަރ. އެ ދެ ސެކްޓަރ އަޅުގަނޑުމެން ކުރިއަށްގެންދާނަން އެއްވެސް މަޑުޖެހުމެއް ނައިސް. ދެން ހުރި ސެކްޓަރ ތަކުން އަޅުގަނޑުމެން ކުޑަކޮށް މަޑުޖައްސަން ޖެހެންޏާ ޕްރޮޖެކްޓްސްތައް މަޑުޖައްސާނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

އެގޮތަށް ހުއްޓާލާ މަޝްރޫޢޫތަކުގެ ތެރޭގައިވެސް ހިމެނޭނީ މުޅިން އަލަށް ހިމަނާ ސަރުކާރުން ޚަރަދުކުރާ މަޝްރޫޢުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަލަށް ފަށާ މަޝްރޫޢުތަކާއި އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ބޭރުގެ ފަންޑިންގެ ދަށުން ހިންގާ މަޝްރޫޢުތަކާއި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫޫޢުތައް ހުއްޓާނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ހަނގުރާމައާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 9 ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މި ކޮމިޓީގެ ޗެއަރއަކީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. މި ކޮމިޓީން މައިގަނޑުގޮތެއްގައި މަސައްކަތްކުރަނީ ހަނގުރާމައިގެ އަސަރު ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު