ENGLISH
30 މާރިޗު 2026
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގައުމާއިގެން ކުރިއަށްދާން ހަމަޖެހުން ގާއިމުވާނެ: އާޒިމާ
30 މާރިޗު 2026
|
ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު، ފޮޓޯ: ވޮއިސް
އެންމެ މަޤްބޫލު
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި ދައުލަތް ހިންގުމުގެ މައި ދެ ބާރު އެކީ އިންތިހާބުކުރުމުން ގައުމާއިގެން ކުރިއަށްދިއުމަށްޓަކައި ހަމަޖެހުމުގެ ނޭވާއެއް ލުމަށް ފުރުސަތު ލިބޭނެ ކަމުގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދިން "މާއްދާ-8" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އާޒިމާ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތް ހިންގުމުގެ މައި ދެ ބާރު ކަމުގައިވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އެކުއެކީ އިންތިހާބުވުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރު އިންތިހާބުވާއިރު އޮންނަ މަޖިލީހުން ރައީސް ހުވައިކުރެއްވުމުގެ ކަންކަން ކުރިއަށްގެންގޮސް، ސަރުކާރު އެކުލަވައިލުމުގެ މަރުހަލާ ނިންމުމަށްފަހު، އައު މަޖިލީހަށް ޒިންމާތައް ހަވާލުކޮށް ދެ ބޭރު އެކީ ގައުމުގެ ކަންކަން ހިންގުމަށް ފަށައިގަތުމަށް ޖާގަ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ ދިރާސާތަކުގައިވެސް ފެންނަ ވަރަށް ބޮޑު މައްސަލައެއް އަބަދު އިލެކްޝަން ސައިކަލެއްގައި ދިރިއުޅެންޖެހުން. ރާއްޖެއަކީ ކުޑަ މުޖުތަމައަކަށްވެފައި، ކޮންސްޓިޓުއެންސީތައް ކުޑަވީމާ ތަންކޮޅެއް ބޮޑުވޭ މައްސަލަތައް. އަޅުގަނޑުމެންގެ ދިރިއުޅުމަށް އިމްޕެކްޓުކުރާ މިންވަރު ތަންކޮޅެއް ބޮޑުވޭ.،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މިހާރު އޮތް އޮނިގަނޑުގައި ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ތިން އިންތިހާބު އޮންނާތީ މުޖުތަމައަށް އަދި ސަރުކާރަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލާނެ ޖާގަ ނުލިބޭ ކަމަށެވެ. އަދި ރާއްޖޭގެ މިނިޒާމުގައި އަބަދު ސިޔާސީ ގޮތުން ގިނަ ހަރަކާތްތަކެއްގެ ތެރޭގައި އޮންނަންޖެހުމަކީ އެންމެ ރަނގަޅު ގޮތްތޯ ރައްޔިތުން ވިސްނައިލަންޖެހޭކަން ފާހަގަކުރައްވަމުން ކުރީގެ ބަންޑާރަނައިބު ވިދާޅުވީ އޭނާގެ ވިސްނުންފުޅުގައި ސިޔާސީ ހަރަކާތްތެރިކަމުގެ ތެރޭގައި ގައުމު އަބަދު އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.
ރާައްޖޭގައި އާބާދީ ކުޑަނަމަވެސް ދިވެހިންގެ އުންމީދުތައް ވަރަށް ބޮޑުކަމަށާއި، ސަރުކާރުތަކުން އަންނަނީ އެ އުންމީދުތައް ހަގީގަތަކަށް ހަދައިދީ ދިވެހިން ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ނޭވާލައިގެން ހަމަޖެހިގެން ބައިނަލްއަގުވާމީ މުޖުތަމައުގައި ފައިތިލަ ސާބިތުކުރަން ހަމަޖެހުމުގެ ނޭވާއެއް ލެވެންޖެހޭ ކަމަށެވެ.
ދައުލަތުން އިންތިހާބުތައް ބޭއްވުމަށް ހަރަދުކުރާ ފައިސާއިން އަށްޑިހަ މިލިއަން ރުފިޔާ އެކަނި ސަލާމަތްވާ ވާހަކައަށް އިޝާރާތްކުރައްވަމުން އާޒިމާ ވިދާޅުވީ އިންތިހާބާ ގުޅިފައިވާ ހަރަދަކީ ހަމައެކަނި ދައުލަތުން ހިނގާ ހަރަދުތައް ނޫންކަމަށާއި، އަމިއްލަ ފަރުދުންނާއި ޕާޓީތަކުންވެސް އިންތިހާބާ ގުޅިގެން ހަރަދުތައް ކުރަމުންދާ ކަމަށެވެ. އަދި އިންތިހާބާ ގުޅިފައިވާ ހަރަދުތަކުގެ ތެރޭގައި ސިޔާސީ ހަމަނުޖެހުމާއި ދެބަސްވުންތަކުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުމާއި ސިޔާސީ ހަރަކާތްތަކުގައި މީހުން ހޭދަކުރާ ވަގުތުވެސް ގުނަންޖެހޭނެ ކަމުގައި އާޒިމާ ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ ނަންބަރ ވަން މަންޒަލަށް އަޅުގަނޑުމެން ރާއްޖެ އެސްޓަބްލިޝްކުރީ ދުނިޔޭގައި އޮތް އެންމެ ހަމަޖެހުން ބޮޑު ގައުމުގެ ގޮތުގައޭ،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސް، އިޖުތިމާއީ ގޮތުން އެންމެ ބޮޑު އިސްތިގުރާރާއި ސުލްހަވެރިކަން ގެނެވޭނީ އިންތިހާބީ ވަށްބުރަށް ނިމުން ގެނެސް، އިންތިހާބުތައް ބާއްވާ ފަހަރުތައް މަދުކޮށްގެންނެވެ. އެކަމަށްޓަކައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެއެވެ.