ENGLISH
30 މާރިޗު 2026
އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިހާބަކަށް ފުރުސަަތު ބޮޑުވޭ: ރައީސް
30 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމުން މިހާރަށްވުރެ މިނިވަން އަދި އިންސާފުވެރި މަޖިލިސް އިންތިހާބަކަށް ފުރުސަތު ފަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ގިނަ ރައްޔިތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާނެއެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ހުށަހަޅުއްވާ ކަންކަމަކީ ސިޔާސީ ކަންކަމަށްނުވާއިރު، އެއީ ގިނަ ރައްޔިތުންނަށް ގަބޫލުކުރެއްވޭނެ ސަބަބުތަކަށްވާނެތީއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު މިއޮންނަ ނިޒާމުގައި ރައީސަކު އިންތިހާބުވެވަޑައިގަންނަވާތާ ހަ މަސް ފަހުން މަޖިލީހުގެ އިންތިހާބު ބޭއްވުމުން އެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް އެމީހުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމުގައި ބުނުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސްކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ނޭނގޭތީ އެގޮތަށް ބުނުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނޯންނާނެއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ކެންޑިޑޭޓު މިގޮތަށް ވަކާލާތުކޮށް، ސަރުކާރު ނުވަތަ ވެރިކަންކުރާ ޕާޓީގެ ހިޔަލުގައި ނިވަލުގައި އެގޮތަށް ގޮސްގެން ކެމްޕެއިންކޮށްގެން ވޯޓު ހޯދަނީ. އެކަމެއް ނެތި ވޯޓުނެގުމުން ވަރަަށް އީވެންލީ ޑިސްޓްރިބިއުޓެޑް ގޮތެއްގައި މަޖިލީހަށް މީހުން ހޮވެނީ. ސުޕަ މެޖޯރިޓީ ނުވަތަ ވަކި ޕާޓީއަކަށް ބުރަވާ ގޮތަކަށް ނޫނޭ. އޭގެ ނަތީޖާއަކަށްވާނީ ސަރުކާރު ޖަވާބުދާރީކުރެވޭ މަޖިލީހެއް ހޮވޭނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު މިއޮންނަ ނިޒާމުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަކީ އެމީހުންނަކީ ސަރުކާރުގެ ކެންޑިޑޭޓު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑޭޓު ކަމުގައި ބުނެގެން ކެމްޕެއިން ކުރުމަށް ފުރުސަތު ލިބުމުގެ ސަބަބުން ވަރަށް ބޮޑަށް އަދަލުވެރިކަން ގެއްލެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އަބަދުވެސް ސަރުކާރު ހިންގާ ޕާޓީއަށް ސުޕަމެޖޯރިޓީ ލިބޭ ކަމަށެވެ. ނަމަވެސް ވެރިކަމަށް އަންނަ ޕާޓީ ނޭނގޭ ގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގިނަ ޕާޓީތައް ޝާމިލުވާ ގޮތަށް މަޖިލިސް އެކުލަވައިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، އެކި ޕާޓީތަކުގެ މެންބަރުން މަޖިލީހުގައި ތިބުމަކީ ސަރުކާރު ޖަވާބުދާރީކުރުވާ މަޖިލީހަކަށްވުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިހާބަކީ އެންމެ ގިނަ މީހުން ވޯޓުލާން ނިކުންނަ އިންތިހާބުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގަައި ބޭއްވުމަކީ މަޖިލީހުގެ އިންތިހާބުގެ ވޯޓުގައި ގިނަ ރައްޔިތުން ބައިވެރިވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
އެމަނިކުފާނު މިކަމުގައި ދައްކަވާ ވާހަކަފުޅުތަކަކީ ގައުމަށް މިކަމުން އަންނާނެ ހެޔޮ ބަދަލުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ނިޒާމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނެވުން ކަމަށެވެ.