ENGLISH

30 މާރިޗު 2026

Advertisement

ޕީއެންސީއިން މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ބަދަހި އާއިލާ" މެނިފެސްޓޯ ލޯންޗުކޮށްފި

30 މާރިޗު 2026

|

ޢަލީ ޝަހީމް

މާލެ ސިޓީގެ އ.ތ.މ ކޮމިޓީގެ ރައީސާ ކެންޑިޑޭޓް، އަލައިކާގެ ހުޅުމާލެ ކެންޕެއިން ޖަގަހަ ހުޅުވުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ބަދަހި އާއިލާ" މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. 

މި މެނިފެސްޓޯ ލޯންޗުކުރުމުގެ އިވެންޓް އޮތީ ރޭ ސަލްޓަން ޕާކުގެ އޮޑިޓޯރިއަމްގައެވެ. އިވެންޓް ޝަރަފްވެރިކޮށްދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. 

މި އިވެންޓުގައި، ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ. 

މި އިވެންޓުގައި ކެންޑިޑޭޓުން ވަނީ މާލެ ސިޓީގައި ޕާޓީގެ ފަރާތުން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި އާއްމު ރައްޔިތުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް ހާމަކޮށްފައެވެ.

"ބަދަހި އާއިލާ" ގެ މެނިފެސްޓޯގައި ވަނީ މާލޭގެ މައްސަލަތައް ހައްލުކުރުމަށް މައިގަނޑު ތިން ކަމެއް ހިމަނާފައެވެ. އެއީ "ދިރިއުޅޭނެ ޖާގަ ފަހިކުރުމަށް"، "އޯގާތެރިކަމުގައި އަޅާލުމަށް" އަދި "ފުދުންތެރިކަން އިތުރުކުރުމަށް" މި ތިން ދާއިރާއެވެ. 

މެނިފެސްޓޯގައި ވަނީ މި ތިން ދާއިރާއިން ކުރާނެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އާއްމުކޮށްފައެވެ. އެގޮތުން ދިރިއުޅޭނެ ޖާގަ ފަހިކުރުމުގެ ގޮތުން މަގުމަތީގެ އަމާންކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމާއި، އާއިލީ މައިޒާންތަކާއި ޕާކުތައް ގިނަކުރުމާއި، ކޮމިއުނިޓީ ގާޑަންތައް ތަޢާރަފްކުރުން ހިމަނާފައިވެއެވެ. އަދި، ކޮންމެ އާއިލާއަކަށް ވަކިވަކިން ޒިޔާރަތްކުރުމާއެކު އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއެކު އޮނިގަނޑެއް ތަޢާރަފްކުރަން ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ޖަމާއަތުގެ ޖާގަތައް ހަދައިދިނުމުގެ ގޮތުން އިވެންޓުތައް ބޭއްވުމަށް އިންޑޯ ހޯލްތަކާއި ކުދިން ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ޖާގަތައް ޤާއިމުކުރުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. 

"ބަދަހި އާއިލާ" ގެ ދެ ވަނަ ދާއިރާގައި ވަނީ "އޯގާތެރިކަމާއި އަޅާލުމަށް" ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ދަރިން ބެލެހެއްޓުމުގައި އެހީތެރިވުމާއި، އިސްރަށްވެހިންގެ ކަރާމަތާއި ދުޅަހެޔޮކަން އިސްކުރުމާއި، ދެމެހެއްޓެނިވި އާންމު ޞިއްޙަތުގެ ނިޒާމް ހަރުދަނާކުރުމާއި، ރައްކާތެރި ހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ. 

ފުދުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ވެސް މުހިއްމު ކަންކަން މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ހިމެނެނީ، ސްކޭލްކުރެވޭ ކޯޕަރޭޓިވްތައް ހިންގައި އަންހެނުންގެ ޚާއްޞަ ކޯޕަރޭޓިވްތަކެއް އުފެއްދުމާއި، ޑިޖިޓަލް ލިޓްރަސީއާއި އިންފްރާސްޓްރަކްޗަރއާ ގުޅޭ ދާއިމާ ކްލާސްތައް ހިންގުމާއި، ޕޭރެންޓް-ފްރެންޑްލީ ކޯ-ވޯކިން ސްޕޭސް ގާއިމުކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ޕާޓްނަރޝިޕްތައް ޤާއިމުކުރުމެވެ. 

ޕީއެންސީއިން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކެންޑިޑޭޓުންގެ ބަދަހި އާއިލާ މެނިފެސްޓޯ އާއްމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، މެނިފެސްޓޯ ތަންފީޒުކުރުމުގައި ޕާޓީގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާނެ ކަމަށެވެ. އެ މަސައްކަތް އަލައިކާއާއި ކޮމިޓީގެ ޓީމު ގުޅިގެން ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ޝުޖާޢު ވަނީ ދެއްވައިފައެވެ. 

"ބަދަހި އާއިލާ" މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި އިވެންޓުގައި ޕާޓީގެ އަންހެނުންގެ ގޮފީގެ މެންބަރުންނާއި، ޕާޓީގެ އާއްމު މެންބަރުން ވަނީ ބައިވެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު