ENGLISH
30 މާރިޗު 2026
ލޯފަން މީހުންނަށް ފުރައްސާރަކޮށް ޝާހިދު ދެއްކި ހުތުރު ވާހަކަތައް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި
30 މާރިޗު 2026
|
ްެްއެމްޑީޕީގެ ރައީސް ޝާހިދު
އެންމެ މަޤްބޫލު
ލޯފަން މީހުންނަށް ފުރައްސާރަކޮށް އެމްޑީޕީގެ ރައީސް ޝާހިދު ދެއްކި ހުތުރު ވާހަކަތައް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.
އެ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާރިޗު 28 ވަނަ ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޝާހިދު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަންލިބޭފަދަ އަދި އެބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވާ ކަމަށެވެ.
އެކަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން، އެންމެ ހަރުހަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަން ވަނީ ހަނދާން ކޮށްދީފަ އެވެ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ގެ ދަށުން ނުކުޅަދެންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި އަމިއްލަވަންތަކަމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް ސިޔާސީ ޕާޓިއެއްގެ އިސް ބޭފުޅަކު މިފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް އެ ކައުންސިލުން ކުރާ ބުރަ މަސައްކަތަށް އެޅުނު ހުރަހެއް ކަމުގައި ކަމުގައި ވަނީ ބުނެފަ އެވެ. މިފަދަ ބަސްތައް މުޖުތަމައުގައި އާންމުވެގެންދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެކަމުގެ ސަބަބުން އެބޭފުޅުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި، މަލާމާތް ރައްދުވާފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތައް ކުރިއަރުވައި، ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން، އެ ކައުންސިލުން އެކަން ކުށްވެރިކޮށް، މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް މިކައުންސިލުން ކުރާ ބުރަ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އަތުގުޅާލާ އެކުގައި މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ކުރާ މަސައްކަތްކަތުގައި، އއ ކައުންސިލް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ ފަރާތްތަކުގެ ޢާއިލާ ތަކަށް ވަނީ ދީފަ އެވެ.